ވޮޝިންޓަން (ޖަނަވަރީ 25) : މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ޓަކައި އެކަން ވަރަށް އަވަހަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަން ވައިޓް ހައުސް އިން ހާމަކޮށްފި އެވެ.

ވައިޓްގެ ތަރްޖަމާން ސީން ސްޕިސާ ވިދާޅުވީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ވާހަކަ ކޭންޕޭންގައި ޓްރަމްޕް ވިދާޅުވެފައިވާ އިރު މިކަން ދިރާސާކުރުމުގައި ބަލާނީ ޓެރަރިސްޓް ޖަމާއަތްތައް ފައިހަރުކޮށްލާފައިވާ އަދި ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހިނގާ ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާކުރުމާ ބެހޭ ގޮތުން ކަމުގަ އެވެ. މިކެޓަގަރީއަށް ފެތޭ ގައުމުތަކުގެ ތެރޭގައި ގިނައީ އިސްލާމީ ގައުމުތަކަށްވުމީ އިއްތިފާގެއް ކަމަށް ސްޕިސާ ވިދާޅުވި އިރު އެމެރިކާއަށް ވަނުން މަނާކުރާ މީހުންނަކީ ހަމައެކަނި މުސްލިމުން ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދު ވެވަޑައިގެންފައި ވަނީ ރިޔާސީ ކޭންޕޭންގެ ދުވަސްވަރުގަ އެވެ. އެދުވަސްވަރު މުސްލިމުންގެ ނަން ހާމަކޮށް އެގޮތަށް ވާހަކަ ދެއްކެވުމަށް ފަހު ޓްރަމްޕް ވަނީ އެމެރިކާ އަށް ވަނުން މަނާކުރާނީ އެބައެއްގެ ސަބަބުން އެމެރިކާގެ ގައުމީ މަސްލަހަތަށް ނުރައްކާވާ މީހުންކަމަށާއި މިކެޓަގަރީ އަށް ބޮޑަށް ފެތެނީ މުސްލިމުންކަމަށް ވިދާޅުވެ، އެ ވާހަކަ އެހެން ގޮތަކަށް އަނބުރާލައްވައި ދެވަނަ ފަހަރަށް އެވާހަކަ ދައްކަވައިފަ އެވެ.

ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަގްރީރުގައި ވެސް ވަނީ އިސްލާމް ދީނާ އަދި މުސްލިމުންނާ ޓެރަރިޒަމާ ސީދާ ގޮތެއްގައި ގުޅުއްވާފަ އެވެ. މިގޮތުން ހަރުކަށި އިސްލާމީ ޓެރަރިޒަމް ވުޖޫދުން ފުހެލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ އެހެން ރައީސުން ވެސް މުސްލިމުންނާ ޓެރަރިޒަމާ ގުޅުއްވަ އެވެ. ނަމަވެސް އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވާފައި ސީދާ ގޮތެއްގައި ވާހަކަ ދައްކަވާފައި ވަނީ ހަމައެކަނި ޓްރަމްޕް އެވެ.

ހަރުކަށި އިސްލާމީ ޓެރަރިޒަމްގެ ވާހަކަ ޓްރަމްޕް ދެއްކެވި އިރު އިސްލާމީ ޖިހާދުގެ ނަމުގައި ޖިހާދާ އެއްވެސް ވަރަކަށް ގުޅުންނެތް ނުރައްކާތެރި ޓެރަރިސްޓް ހަރަކާތްތައް ހިންގަމުން ގެންދާ އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތަކަކީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައް ކަމަށް އިސްލާމީ ގައުމުތަކުން ވެސް ދެކެ އެވެ. މިޖަމާއަތްތަކުގެ ޝިކާރައަކަށް ވެސް މައިގަނޑު ގޮތެއްގައި ވަނީ ވެސް އިރާގާއި ސޫރިޔާއާއި ލީބިޔާއާއި އެނޫންވެސް އިސްލާމީ ގައުމުތަކުގެ މުސްލިމުންނެވެ.

އަނެއްކޮޅުން އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ނުސީދާ ގޮތެއްގައި އެހީތެރިވާ ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ގައުމަކީ ވެސް އެމެރިކާ އެވެ.

ވައިޓް ގެ ތަރްޖަމާން ސީން ސްޕިސާ ވިދާޅުވީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމުގެ މައްސަލަ ދިރާސާ ކުރާނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ވުޒާރާއިންނާއި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ކަމުގަ އެވެ. މިދެ ވުޒާރާއަށް ޓްރަމްޕް ހަމަޖައްސަވާފައިވާ ވަޒީރުންނަށް އެމެރިކާގެ ކޮންގްރެސް އިން ރުހުން ދިނުމާ އެކު މިކަން ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ޓްރަމްޕް ހަމަޖެއްސެވި ރެކްސް ޓިލާސަން އަށް ސެނެޓްގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމިޓީން މިހާރު ވަނީ ރުހުން ދީފަ އެވެ.

(އަނަތޯލިޔާ ނޫސްއެޖެންސީ)