24 Jun 2011, 16:19
ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އަދަދު ގިނަވެ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގޯސްވެފައިވާތީ، ބިދޭސީން އެތެރެވުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސްގެ ތެރެއިން ހިންގާފައިވޭތޯ ބެލުމަށް ފުލުހުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ އަހްމަދު ޝިޔާމް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ސަރުކާރުން ހުށަހަޅާފައިވާތީ އެކަންކަން ބެލުމަށް ފުލުހުން ދާދި ފަހުން ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ތަހުގީގުގައި ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކެއްގެ ކަންތައްތައް ބަލާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ސީދާ ވަކި އިދާރާއެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ.
"ބިދޭސީންނާ ގުޅުން ހުރި ކަންތައްތަކެއް މީގައި މިހިމެނެނީ. އެހެންވީމަ އެފަދަ ހުރިހާ ތަނެއް އަޅުގަނޑުމެން ބަލާނެ. އޭގެ ޑީޓެއިލްސް ފަހުން އަޅުގަނޑުމެން ދޭނަން،" ޝިޔާމް ވިދާޅުވި އެވެ.
ޑިޕޮސިޓް ފައިސާއާއި ވިސާފީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އަށް ދައްކަން ޖެހޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު ހަމަޖެއްސުމުގެ ކުރިން ބިދޭސީންނާ ގުޅޭ ހުރިހާ ހިދުމަތެއް ދެމުން ގެންދިޔައީ ހިއުމަން ރިސޯސް އާއި އިމިގްރޭޝަނުންނެވެ. އެދެތަނުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން "ރިޝްވަތު" ނަގައިގެން ގަވައިދާ ހިލާފަށް ކަންތައްތައް ކޮށްދޭ ކަމަށް ވަރަށް ބޮޑަށް އަޑުފެތުރިފައިވެ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވި ރޭޑިއޯ ހިތާބުގައި ވެސް ވިދާޅުވީ، ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ އަދަދު ގިނަވެ، ގަވައިދާ ހިލާފަށް އުޅޭ ބިދެސީންގެ މައްސަލަތައް ދިމާވެފައިވަނީ އެމީހުންގެ ކަންކަން "އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީ" ކަމަށާއި "ބޭރުމީހުން ރާއްޖެ އައުމާއި، ރާއްޖޭގައި މަސައްކަތް ކުރުމާއި، ދިރިއުޅުމާ ބެހޭގޮތުން ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން" ކަމަށެވެ.
އަދި ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަންވެސް އެމަނިކުފާނު ފާހަގަކުރެވިފައިވެ އެވެ.
"ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަންވެސް ވަނީ ފާހަގަކުރެވިފައި. އިމިގްރޭޝަންގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ގަވާއިދުން މަސައްކަތް ކުރަން ތިބީ ނުވަދިހަ ހަތަރުހާސް ބިދޭސީން. އެހެން ނަމަވެސް، ހިއުމަން ރިސޯސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ތިބީ ހަތްދިހަ ތިންހާސް މީހުން. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ސާޅީސްހާހަށްވުރެ މަތިވާނެ ކަމަށް މިހާރުވަނީ ލަފާކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި، ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ މައްސަލަ އެހާ ގޯސްވެފައިވާތީ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން ކަމަށެވެ.
މީގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައިޓީ ނިޒާމު ބަލަހައްޓައި ހަރުދަނާ ކުރުމުގެ މަސައްކަތް ސިފައިންނާ ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ. އެއީ އެ ދެއިދާރާއިން ގެންގުޅޭ ބިދޭސީންގެ ތަފާސްހިސާބުތައް ދިމާނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މީގެއިތުރުން، މިހާރު ހުރި ގާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށް، އޭގައި ހުރި އުނި ކަންތައްތައް ބަލައި އިސްލާޙު ކުރުމާއި، އިމިގްރޭޝަން އޮފިސަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަމްރީނު ދިނުމާއި، ސުލޫކީ މިންގަނޑުތަކެއް ކަނޑައެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ބިދޭސީންގެ މައްސަލަ މިހާރު ގައުމީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ދާދިފަހުން ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް ވިދާޅުވެފައިވަނީ، އިރުވައި މޫސުމުގައި އިންޑިއާ އިން ރާއްޖެ އަންނަ ލަކުޑި ބޯޓުފަހަރުގައި ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް، ތިލަފުށީގައި މަސައްކަތްކުރުވާފައިވާ ކަމަށެވެ. އަދި ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމަކީ ވަރަށް ވަރުގަދަ އަށް ހިންގަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިއަދު ދެއްވި ހިތާބުގައި ރައީސް ނަޝީދު ވަނީ ރާއްޖެ "ހިއުމަން ޓްރެފިކިންގެ ހާއްޔަކަށް ވިޔަ ނުދޭނެ" ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"ދިވެހިރާއްޖެއަކީ، ހިއުމަން ޓްރެފިކިންގގެ ހާއްޔަކަށްވިޔަނުދޭނެ ކަމުގެ ޔަގީންކަން، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އަދި ބައިނަލްއަގުވާމީ މުޖްތަމަޢަށްވެސް މިކަން އަޅުގަނޑު ހާމަކުރަން. ހަމައެއާއެކު، ރާއްޖެއަކީ އިންސާނީ ކަރާމާތަށް އިހްތިރާމްކުރާ ގައުމަކަށް އަދި ރާއްޖޭގެ ރައްޔިތުންނަކީ، އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ތަހުޒީބީ ދިރިއުޅުމަކަށް ދިޔުމަށް މަސައްކަތްކުރާ ބައެއް ކަމަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަންވެސް އަޅުގަނޑު އަރުވަން، ރައީސް ނަޝީދު ވިދާޅުވި އެވެ.