ވޮޝިންޓަން (ޖެނުއަރީ 25): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވައިފި އެވެ.

ދެ ބޭފުޅުންގެ ފޯނު ކޯލެއްގައި ޓްރަމްޕް ވަނީ އެމެރިކާ އިން ދެކޭ ގޮތުގައި އިންޑިއާ އަކީ "އެކުވެރިއެއް ކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެމެރިިކާގެ ބައިވެރިއެއް" ކަމަށް ވިދާޅުވެފަ އެވެ.

އަދި ދެ ބޭފުޅުން ވަނީ ދިފާއީ ގޮތުންނާއި އަދި އިގުތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރާނެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ އަހަރު ވެސް ވައިޓް ހައުސް އިން ވަނީ އެމެރިކާއަށް ވަޑައިގަތުމަށް މޯދީއަށް ދައުވަތު އަރުވާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި ދެގައުމުން އެކުއެކީގައި މަސައްކަތް ކުރުމަށް އެއްބަސްވެފައި ކަމަށް ވައިޓްހައުސް އިން ބުނެ އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ޓްރަމްޕް ވަނީ އިންޑިއާއަށާއި އިންޑިއާގެ ސަރުކާރަށް މޯދީ ގެންނެވި ބަދަލުތަކަށާއި، އެ ގައުމުގެ އިގުތިސާދު ކުރިއެރުވުމަށް މޯދީ ކުރެއްވި މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. (ބީބީސީ)