25 Jan 2017, 08:56
ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާ އަކީ ބޮލީވުޑުގައި ތިބި އެންމެ ކުޅަދާނަ ބަތަލާ އިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ ދެ ފަންނާނުންނެވެ. ބޮލީވުޑުގައި ދެ ފަންނާނުން ވެސް ވަނީ ޖާދޫ ދައްކައިފަ އެވެ. އެއަށް ފަހު ދެ ތަރިން މިވަނީ ހޮލީވުޑުގައި ވެސް މަސައްކަތް ފަށައިފަ އެވެ.
ދީޕިކާ އަދި ޕްރިޔަންކާ ހޮލީވުޑްގެ ޕްރޮޖެކްޓަކަށް ސޮއި ކުރި ހިސާބުން، ދެ މީހުންގެ މަސައްކަތް އަޅާކިޔަން ފެށި އެވެ. އަދި ދެ ތަރިން ކުރެ އެންމެ މޮޅު ފަންނާނަކީ ކޮބައިތޯ ސުވާލު އުފައްދަން ފެށި އެވެ.
ނަމަވެސް އެގޮތަށް ދެ ތަރިން އަޅާކިޔުމަކީ އިންސާފެއް ނޫން ކަމަށް ދީޕިކާ މިވަނީ ބުނެފަ އެވެ.
ޔޫއެސްއޭ ޓުޑޭ އަށް ދިން އިންޓަވިއު އެއްގައި ދީޕިކާ ބުނެފައި ވަނީ ޕްރިޔަންކާ އާއި ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުން ކަމަށާއި އަދި ކުރިއަށް ދަނީ ވެސް ތަފާތުކޮށް ކަމަށެވެ.
"އަޅާކިޔުމަކީ އިންސާފެއް ނޫން. އަހަރެން ބުނެލަން ބޭނުން ވަނީ ކޮންމެ މީހެއްގެ ދަތުރު އަދި ރާސްތާ ވެސް ތަފާތު ވާނެ،" ދީޕިކާ ބުންނެވެ.
ޕްރިޔަންކާ ހޮލީވުޑަށް ތައާރަފުވީ 2015 ވަނަ އަހަރު ޓީވީ ސީރީޒް ކުއަންޓިކޯ އިންނެވެ. އަދި މި އަހަރު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ވެސް ރިލީޒް ވާނެ އެވެ. ދީޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމު ރިލީޒް ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ދެމީހުން އަޅާކިޔުމަކީ އިންސާފެއް ނޫން ކަމަށް ދީޕިކާ ބުނެފައިވާ އިރު، ކޮފީ ވިތު ކަރަން ގައި ޕްރިޔަންކާ ވެސް ވަނީ ދީޕިކާ ހޮލީވުޑަށް ނުކުމެ ކުރިއަށް ދާތީ އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފަ އެވެ.
ދީޕިކާ އަދި ޕްރިޔަންކާ ވަނީ 'ބާޖީރާއޯ މަސްތާނީ'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.