'ސަނަމް ރޭ' އަދި 'ޖުނޫނިއްޔަތު' އިން ފެނިގެން ދިޔަ ބޮލީވުޑުގެ އެކްޓަރު ޕުލްކިތު ސަމްރާތު، ނޫސްވެރިޔަކަށް ހަމަލާދީ ހަމަނުޖެހުން ހިންގައިފި އެވެ.

ޕުލްކިތު ނޫސްވެރިޔަކަށް ހަމަލާދީފައި ވަނީ، އޭނާގެ އަންހެނުން ޝްވެތާ ރޯހިރާ އާ ދެމީހުން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ނުކުމެގެން ދަމުންނެވެ.

ދެމީހުން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު އެވެ.

ޕުލްކިތު ނޫސްވެރިޔަކަށް ހަމަލާދީފައި ވަނީ އޭނާ ކޯޓުން ނުކުތް އިރު ކޯޓު ކުރިމަތީގައި ނޫސްވެރިން ތިބުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.

ޕުލްކިތު ކޯޓުން ނުކުތް މަންޒަރު ފޮޓޯ ނެގި ނޫސްވެރިއަކު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި އޭނާ ހިފައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އަދި އޭނާ ކޯޓަށް އަންނަ ޚަބަރު ނޫސްވެރިންނަށް ލިބުނީ ކިހިނެތްތޯ ނޫސްވެރިޔާގެ ގާތުން އަހާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ޕުލްކިތު އަދި ޝްވެތާ ކައިވެނި ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް 2015 ވަނަ އަހަރު ދެމީހުން ވަނީ ވަކިވެފަ އެވެ. ޕުލްކިތުގެ ކައިވެނި ރޫޅިފައި ވަނީ 'ސަނަމް ރޭ' އަދި 'ޖުނީނިއްޔަތު'ގެ އެކްޓްރެސް ޔަމީ ގޯތަމް އާއި ޕުލްކިތާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.