25 Jan 2017, 09:02
މި ސީޒަނުގައި ޗެލްސީން ޝާލްކޭއަށް ބަދަލުވި ގާނާ ޑިފެންޑަރު ބާބާ ރަހްމާން އަށް އަނިޔާވެ ސީޒަންގެ ބައިކީއޮތް ބައި ނުކުޅެވޭނެ ކަން ކަށަވަރު ވެއްޖެ އެވެ.
ބާބާއަށް އަނިޔާވީ މިހާރު އެފްރިކާގެ ގައުމުތަކުގެ މެދުގައިި ކުޅެމުންދާ އެފްރިކާ ކަޕް އޮފް ނޭޝަންގައި ގާނާއިން އިން ކުޅުނު ފުރަތަމަ މެޗުގަ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުޅުނު އެމެޗުގައި ބާބާއަށް އަނިޔާވީީ 39 ވަނަ މިނެޓްގަ އެވެ.

ބާބާ އަށް އަނިޔާވެގެން އަށިގަޑުގައި ދަނޑުން ބާލަނީ ----
ގާނާ އެފްއޭ އިން ބުނީ ބާބާގެ ވާއަތުފައިގެ ކަކުލުގެ ލިގަމެންޓް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށާއި އޭނާ އަށް މި ސީޒަނުގައި ދެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށެވެ. ބާބާ މިހާރު އަންނަނީ ލަންޑަންގައި ޓެސްޓްތަކެއް ހަދަމުންނެވެ. އަދި ޖަރުމަނުގައި އޮޕަރޭޝަން ކުރުމަށް ފަހު ޗެލްސީގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއަށް 23 މެޗު ކުޅެދީފައިވާ އުމުރުން 22 އަހަރުގެ ބާބާ ޝާލްކޭއަށް ބަދަލުވީ މި ސީޒަނުގައި ޗެލްސީގެ ކޯޗުގެ މަގާމަށް ގެނައި އެންޓީނިއޯ ކޮންޓޭގެ އެދުމުގެ މަތިންނެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންގެ ގްރޫޕް ޑީގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ކުއާޓާފައިނަލުން ޖާގަ ހޯދާފައިވާ ގާނާ ޓީމުން ބާބާ އުނިކުރަން ޖެހުމަކީ އެޓީމަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ.