ރާއްޖެއިން ޗައިނާގެ ގިނަ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ޗައިނާގެ އިންވެސްޓްމެންޓްތައް އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓަރު އާސިމް ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ގުޅުން އޮތީ މީގެ ކުރިން ދުވަހަކުވެސް ބަދަހި ނުވާހާ ގާތް ހިސާބެއްގައި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން މިދިޔަ ތިން އަހަރު ތެރޭގައި ޗައިނާއަށް ދެފަހަރު ވަޑައިގެންނެވި ކަމާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ރާއްޖެ ވަޑައިގެންނެވިކަން ފާހަގަ ކުރައްވަމުން، ފޮރިން މިނިސްޓަރު ވިދާޅުވީ މިފަދަ ޒިޔާރަތްތަކަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހާމަކޮށްދޭ ސާބިތު ހެކި ކަމަށެވެ.

މިނިސްޓަރ އާސިމް ވިދާޅުވީ، ރާއްޖެއިން ޗައިނާގެ ގިނަ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. އެގޮތުން ބްރިޖު މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ތަރައްގީގެ މަޝްރޫއުގެ އިތުރުން، މިހާރު ނިމިފައިވާ ލާމު ލިންކް ރޯޑުގެ މަޝްރޫއު މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް ތަނުގައި ޗައިނާގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި ދާނީ އިތުރުވަމުން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ، ރާއްޖެއާ ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރުމުގެ މުނާސަބާ މިއަހަރު ފާހަގަކުރާ އިރު، އެކަމާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް މިއަހަރުގެ ތެރޭގައި ހިންގާނެ ކަމަށެވެ.

މިރޭ ޗައިނާ އެމްބަސީއިން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ބޭރުގެ ސަފީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރާއްޖޭގައި ތިބޭ ޗައިނާގެ ޑިޕްލޮމެޓުންނާއި ޗައިނާގެ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.