24 Jun 2011, 14:49
ހއ. އުލިގަމުގެ ބަނދަރު ސަރަހައްދުގައި ހުރި ކާނިގަސްތަކެއްގައި ވަރަށް ބޮޑަށް ރޯވެ އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އުލިގަމު ބަނދަރުގެ ދެކުނު ކޮޅުގައި ހެދިފައި ހުރި ކާނި ގަސްތަކެއްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު 12:15 އެހާކަންހާއިރު ކަމަށެވެ. އެ ސަރަހައްދަށް އެމްއެންޑީއެފްގެ ޓީމެއް ގޮސް، އެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ކުނިގޮނޑެއް ހެން އޮތް ސަހަރައްދެއްގައި ކަމަށާއި އެތަނުގައި ހުރި ވަރަށް ބޮޑު ހަތް ކާނިގަހެއް އަނދާފައިވާ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ނަމަވެސް، އެ ހާދިސާގައި ގާތްގަނޑަކަށް 60 ފޫޓާއި 20 ފޫޓާ ދެމެދުގެ ސަރަހައްދެއް އަނދައި ހުލިވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. އަލިފާންގަނޑު ރޯވިއިރު ރަށުގެ ގިނަ ބަޔަކު ތިބީ ހުކުރު ނަމާދަށް ގޮހެވެ.
އެ އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެކަން ތަހުގީގުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.