24 Jan 2017, 22:13
އަންނަ މަހުގެ 18އިން މާޗު އެއް ވަނަ ދުވަހަށް ބަންގާޅުގައި ބާއްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް އެ މުބާރާތުގެ ސަބަބުން ބޮޑުތި ފައިދާތަކެއް ކުރާނެ ކަމަށް އެ ޓީމްގެ ކޯޗު މުހަންމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އެ މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ، ރާއްޖޭގެ ކްލަބްތަކަށް ބައިނަލްއަގްވާމީ މުބާރާތަކުން ފުރުސަތު ލިބެނީ އޭއެފްސީ ކަޕުން އެކަނި ކަމަށާއި ނަމަވެސް އެފަދަ މުބާރާތެއްގައި ވާދަކުރުމަކީ އިންޓަނޭޝަނަލް ތަޖުރިބާ އިތުރުވާނެ ކަމެއް ކަމަށެވެ.
"އޭއެފްސީގައި ކުޅޭ ދެ ކްލަބްގެ އިތުރުން އިތުރު ކުޅުންތެރިންތަކަކަށް އިިންޓަނޭޝަނަލް މުބާރާތެއްގައި ކުޅެން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި ޓީސީ ކަހަލަ ޅަ ކްލަބަކަށް އެފަދަ ފުރުސަތެއް ލިބުމުން ވަރަށް ރަނގަޅު އެކްސްޕީރިއަނަސްއަކަށް ވެގެން ދާނެ،" ނިޒާމްބެ ބުންޏެވެ.
މީގެ ކުރިން ދެވަނަ ޑިވިޝަނުގައި ވާދަކޮށް 2015 ވަނަ އަހަރު ނިޒާމްބެ އިރުޝާދުގެ ދަށުން އެއްވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ފެށި ޓީސީއަށް އިންޓަނޭޝަނަލް މުބާރާތަކުން ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފްތާގައި ޓީސީގެ ފަރިތަކުރުންތަށް ފަށާފައިވާއިރު ނިޒާމްބެ ބުނީ ޕްރީ ސީޒަން ޕްރެކްޓިސް ނިންމާލުމަށްފަހު ދެން ޓީމްތައްޔާރު ވާނީ ބަންގާޅު މުބާރާތަށް ކަމަށާއި އެ މުބާރާތުގައި ވާދަކުރާ ޓީމްތަށް އަދި ކަށަވަރު ނުވިނަމަވެސް ޓީސީގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.
"އަޅުގަނޑު ކޯޗެއްގެ ހައިސިއްޔަތުން ކޮންމެ ބަޔަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ނިކުންނާނީ މޮޅަކަށް. އެ ގޮތުން މި މުބާރާތަށް ވެސް ދާނީ މުބާރާތް ކާމިޔާބް ކުރުމުގެ އަޒުމުގައި،" ނިޒާމްބެ ބުންޏެވެ.