އެލަސްކާ : އެމެރިކާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ އެލަސްކާ ކައިރިއަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ ބުނާގޮތުން މީގެތެރެއިން އެއްބިންހެލުން އައިސްފައިވަނީ އެލަސްކާގެ ޕެސިފިކް އައްސޭރިން 172 ކިލޯމީޓަރު ދުރުގައިވާ ޕެސިފިކް މާކަނޑުގެ އަޑިއަށެވެ.

ރެކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި މިބިންހެލުމުގެ މަރުކަޒު (އެޕިސެންޓަރ) ވަނީ ޕެސިފިކް މާކަނޑުގެ އަޑިން 40 ކިލޯމީޓަރު ފުނުގައެވެ. ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރު ޖީ.އެމް.ޓީ. ން 3 ޖެހިއިރުއެވެ.
އަނެއް ބިންހެލުން އައިސްފައިވަނީ ފުރަތަމަ ބިންހެލުންއައިތާ 30 ސުކުންތު ތެރޭގައި ހަމަކުރީގެ ބިންހެލުމުގެ ބާރުމިނުގައި ހަމައެސަރަހައްދަށެވެ. އެލަސްކާއާއި އުތުރު އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ވަނީ އެލަސްކާގެ އޮނިމެކް ޕާސް އިން އޮމަޗިކާ ޕާސް އާ ދެމެދުގައިވާ ސަރަޙައްދަށް ސުނާމީ ބޮޑުރާޅު އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

މިއިންޒާރާ ގުޅިގެން އެލަސްކާގެ އިރުމަތީ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ބައެއް ތަންތަނަށް ދިޔަ ކަމަށް ޚަބަރުލިބެއެވެ. މިބިންހެލުންތަކާ ގުޅިގެން އެސަރަޙައްދަށް ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ. (އަލްޖަޒީރާ)