ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރުގެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ރ. ކަދޮޅުދޫ (މިހާރު ދުވާފަރު)، ފީރޯޒުގެ، އިބްރާހިމް އަބްދުއްރަހްމާން އަށް ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތު ދީފި އެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިބްރާހިމަށް ވަނީ ވަކީލަކު އައްޔަން ކުރަން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ނަމަވެސް މިއަދު ޝަރީއަތަށް ހާޒިރުވުމަށް ފަހު އިބްރާހިމް ބުނީ މާލީ ދަތިކަން ހުރުމުން ވަކީލެއް އައްޔަން ކުރުން ލަސްވަނީ ކަމަށެވެ.

ގާޒީ ވިދާޅުވީ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އިބްރާހިމަށް މިއަދު ގާޒީ ދެއްވީ 10 ދުވަހުގެ ފުރުސަތެކެވެ.

ރަބަރޭގެ މަރާ ގުޅިގެން އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ އެނގިހުރެ މަރެއް ފޮރުވުމާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އެވެ.

މަރެއް ފޮރުވުމުގެ ދައުވާ ދައުލަތުން އިބްރާހިމްގެ މައްޗަށް އުފުލީ ނޮވެމްބަރު 5، 2015، ގައި ރަބަރޭ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް އުފުލީ 2015 އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ލަންކާއަށް ގޮސް ބިލާލަށް ފައިސާދީ ރަބަރޭ މަރާލަން ރޭވުމާއި، އޭގެ ފަހުން ރަބަރޭ މަރާލުމަށް ފަހު އިބްރާހިމްގެ ފޯނަށް ފޮޓޯ ފޮނުވުމުން އިތުރު ފައިސާ ބިލާލުގެ އެކައުންޓަށް ފޮނުވާފައި ވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) އަދި (ބ) އާ ހަވާލީ އެމާއްދާގެ (ޅ) ގެ ދަށުންނެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްތުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ ކަމަށެވެ. އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގަައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެފަދަ ކުށެއް ކޮށްފި މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް އެ މާއްދާގެ (ޅ) ގައި ވަނީ ބުނެފަ އެވެ.

މިއަދުވެސް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އިބްރާހިމް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ބަންދު ބަަދަލުކޮށްދިނުމަށް އެދިފަ އެވެ. ދައުލަތުގެ ވަކީލު އާދަމް މުހައްމަދު ވިދާޅުވީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރާ މީހުން އާންމު އުސޫލެއްގެ ދަށުންވެސް ގޭ ބަންދުގައި ނުބައްހައްޓާ ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ އިބްރާހިމްގެ ފަރާތުން އެއްވެސް ކަހަލަ މައްސަލައެއް ނުފެންނަ ނަމަ އޭނާ ހުންނާނީ ގޭ ބަންދުގައި ކަމަށެވެ.