24 Jan 2017, 15:45
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފުކުރަން ނިންމައިފިއެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ މިއަދު ވިދާޅުވީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ އެއީ އިންސާފުވެރި ޝަރީއަތަކުން ކުރި ހުކުމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
އެ ދެ ނޫސްވެރިންގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 28،800 ރުފިޔާ އިން ޖޫރިމަނާ ކުރީ މިއަދުއެވެ.
ވިސާމް އަދި ލީވާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ފުލުހެއް ގައިގައި ވިސާމް ފަހަތުން ބައްދާލުމަށް ފަހު ފަހަތަށް ދަމައިގެންފައިވާ ކަމަށެވެ.
އަދި ލީވާންވެސް ފުލުސް މީހާއަށް ހުރަސް އެޅިކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމުގައިވީ ނަމަވެސް އެ މައްސަލާގައި ޖޫރިމަނާކުރީ އެއީ އެ ދެ މީހުންގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައިވާތީ ކަމަށް ވެސް ހުކުމްގައި ވެއެވެ.
ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެ ދެ މީހުންނަށް ވަނީ އަންގައިފައެވެ.