24 Jan 2017, 15:38
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އިތުރު 85 އަށް ވުރެ ގިނަ ރިސޯޓް ރާއްޖޭގައި ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މ. މުލަކުގައި ސަރުކާރުން ގާއިމުކުރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް 22 ރިސޯޓް ވަނީ ނިމިފައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވޭނެ 85 އަށް ވުރެ ގިނަ ރިސޯޓު ހަދަން ވަނީ ހަވާލުކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު، އެއާޕޯޓުތަކުން ވެސް އެ ޖާގަ ލިބެން ޖެހޭ ކަމަށެވެ.
"ފަތުރުވެރިކަން އިތުރުވާ ކަމަށް ވަންޏާ މިޖާގަ އެބަ ޖެހޭ އަޅުގަނޑުމެން މިދެންނެވި ގޮތަށް އެއާޕޯޓުން ހޯދަން. އެހެންވެގެން 1000 މިލިއަން ޑޮލަރުގެ ލޯނެއް ވެސް މި ނަގަނީ،" ރައީސް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ޓަކައި ބޮޑު ލޯނެއް ނެގުމުގެ ބޭނުމަކީ އެއަށް ވުރެ ބޮޑު ނަފާއެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިންވަރުން އަޅުގަނޑުމެން މި އެއާޕޯޓް ހަދާ ކަމަށް ވަންޏާ އިތުރު 30 އަހަރު އޮވެދާނެ މިގޮތަށް. އެކަމަކު ރިސްކު ނަގައިގެން ލޯނަށް ބަރޯސާ ވެގެން މިކަން ކުރާ ކަމަށް ވަންޏާ ބޮޑު ދަރަންޏާ އަޅުގަނޑުމެންގެ ބޮލުގައި އެޅޭ އިރު، އަޅުގަނޑުމެންނަށް ޔަގީން ވެގެން މިދަނީ އިރާދަކުރެއްވިއްޔާ ދިހަ އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި މި ދަރަނި އަދާކުރުމުގެ އިތުރަށް މިދެންނެވި ގޮތަށް ސަރުކާރަކުން ދައުލަތަކުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވިގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.