24 Jan 2017, 15:40
ވޮޝިންޓަން (ޖެނުއަރީ 24): އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް ހޮސްޕިޓަލުގެ އައިސީޔުން ދޫކޮށްލެވޭ ވަރަށް ބުޝްގެ ހާލުކޮޅު ރަނގަޅުވެއްޖެ ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
ބުޝް އެޑްމިޓް ކޮށްފައިވާ ޓެކްސަސްގެ ހޮސްޕިޓަލުން ބުނި ގޮތުގައި މޭގައި ދަވަ އުފެދުމުގެ ސަބަބުން މި މަހުގެ 14 ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިޔަ ބުޝް ވަރަށް އަވަހަށް ގެޔަށް ފޮނުވާލެވޭ ވަރުވާނެ އެވެ. ބުޝްއަށް ނޭވާލާން އުނދަގޫވުމުގެ ސަބަބުން ގުޅާފައިވާ ވެންޓިލޭޓަރު މިހާރު ނައްޓާލާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.
ބުޝް ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު އޭނާގެ 91 އަހަރުގެ އަނބިކަނބަލުން ބާބަރާ ބުޝްއަށް ބްރޮންކައިޓިސް ޖެހުމުން އޭނާ ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. ނަމަވެސް އެކަމަނާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ހޫސްޓަން މެތަޑިސްޓް ހޮސްޕިޓަލުން ބާބަރާ ބުޝް ގެޔަށް ވަޑައިގަތުމަށް ލަފާ ދިން ނަމަވެސް އެކަމަނާ ވަނީ ފިރިކަލުންނާ އެކު ހޮސްޕިޓަލުގައި މަޑު ކުރައްވާފައި ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ. އެދެ ބޭފުޅުންގެ ކައިވެންޏަށް މިހާރު 72 އަހަރުވެއްޖެ އެވެ.
ބުޝް އަކީ އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުން 1989 އިން 1993ގެ ނިޔަލަށް އެމެރިކާގެ ކޮމާންޑާ އިން ޗީފުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބުޝްއަކީ އެމެރިކާގެ ރައީސް ކަން ކުރައްވައި މިހާރު ދުނިޔޭގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ ވެސްމެ އެވެ. ފަހުގެ ތާރީހުގައި ބުޝް އާންމުންގެ ތެރެއަކުން ނުފެނެ އެވެ. އަދި ފަހުން އުޅުއްވަނީ ފުރޮޅުލީ ގޮނޑީގަ އެވެ. (ބީބީސީ)