ވެސްޓާން އޮސްޓްރޭލިއާގެ އެންމެ ބޮޑު ޔުނިވާސިޓީ، ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް (އެސްއޯއެމް)ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރުކަމުގެ މަގާމު ޑރ. މަރިޔަމް ޝަކީލާ އަށް ލިބިވަޑައިގެންފި އެވެ.

ކާޓިން ޔުނިވާސިޓީން މާސްޓާސް އާއި ޕީއެޗްޑީ ހާސިލްކޮށްފައިވާ ޝަކީލާ ގެންދަވަނީ އެ ޔުނިވާސިޓީގައި ލެކްޗާތައް ވެސް ދެއްވަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކެމްޕަސްތައް ގާއިމްކޮށްފައިވާ ކާޓިން ޔުނިވާސިޓީއަކީ ދުނިޔޭގެ ޔުނިވާސިޓީތަކުގެ ތެރެއިން އެކެޑަމިކް ރޭންކިންގެ އެންމެ ކުރީގައި ގުނާލެވޭ ޔުނިވާސިޓީއެކެވެ.

ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް (އެސްއޯއެމް)ގެ އެޑްވައިޒަރީ ބޯޑަކީ މުސްތަގްބަލުގައި ޔުނިވާސިޓީ ހިންގާނެ ގޮތުގެ ރާސްތާ ކަޑައެޅުމުގެ ބާރު ދީފައި އޮންނަ ބޯޑެވެ. އަދި އޭރެއްގެ ހާލަތައް ބަލައި ކޯސްތައް ހިންގާނެ ގޮތްތައް ނިންމުމުގެ ބާރުވެސް އެ ބޯޑަށް ދީފައިވެއެވެ.

ކާޓިން ޔުނިވާސިޓީގެ ބޯޑް މެމްބަރުކަން ޝަކީލާއަށް ލިބިވަޑައިގަތުމުން ފޭސްބުކްގައި އޭނާ ވަނީ، އެއީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށާއި އެކަމާ ނުހަނު އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގާމު އޭނާ އަށް ލިބުމަކީ އިތުރު ތަޖުރިބާތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު ޝަކީލާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި މިނިސްޓްރީ އޮފް ހެލްތު އަދި ޖެންޑާގެ މިނިސްޓަރުކަން އެކަމަނާ ކުރައްވާފައިވެ އެވެ.

ނަމަވެސް 2014 ވަނަ އަހަރު ހެލްތު މިނިސްޓަރުގެ މަގާމުން ވަކި ކުރެއްވުމަށް ފަހު، އޭނާ ވަނީ ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގެން، އާއިލީ ވިޔަފާރީގެ މަސައްކަތަށް ވަޑައިގެންފަ އެވެ. އެގޮތުން، އެކަމަނާ މިހާރު ގެންދަވަނީ، އާއިލީ ކުންފުނި ސިމްޑީ ގްރޫޕުން ހިންގާ އިންސްޓިޓިއުޓް ފޯރު ކައުންސެލިންގް އެންޑް ސައިކޯތެރަޕީ (އައިސީޕީ)ގެ ޗެއާޕާސަންކަން ކުރައްވަމުންނެވެ.