24 Jun 2011, 13:34
މަސްތުވާތަކެތީގެ ހައި ޕްރޮފައިލް މީހަކު ހައްޔަރު ކުރަން ފުލުހުން ހ. ފަށަން ޗެކު ކުރުމަށް ދިއުމުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމުގެ ދެ ކުދިން ފުލުހުން ރޭ ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ، ސަލީމުގެ އަލީ ނާއިލު،17، އާއި އިބްރާހީމް ނައުފަލު،18، ފުލުހުން ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުން ކަމަށާއި ނަމަވެސް ރޭ މާ ލަސްތަކެއް ނުވަނީސް އެ ދެ ކުދިން ފުލުހުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދިރިއުޅުއްވާ ހ. ފަށަންގައި ކުއްޔަށް އުޅޭ ބަޔަކު ހައްޔަރު ކުރުމަށް ކުރި މަސައްކަތުގައި ސަލީމުގެ ދެ ކުދިން ހައްޔަރުކުރީ މަސްތުވާތަކެތީގެ އެ މައްސަލަ އާ އެ ދެ ކުދިންނާ އެއްވެސް ގުޅުމެއް އޮވެގެން ނޫން ކަމަށާއި ނަމަވެސް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން ކަމަށެވެ.
ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން އެ ދެ ކުދިން ކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
ސަލީމު ރޭ ވިދާޅުވީ އޭނާ ތިރިއަށް ފޭބިއިރު ދެ ކުދިން ޖިޕަށް އަރުވައިފި ކަމަށާއި އެ ކުދިން ހައްޔަރުކޮށް ޖިޕަށް އެރުވީ "ކޮއްޕައި ގަޅުވައިފައި އަދި ވަރަށް އަނިޔާވެރިކޮށް" ކަމަށް މަންޒަރު ދުށް މީހުން ބުނި ކަމަށެވެ.