ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ އިރު، ރާއްޖޭގެ ރިސޯޓްތަކުގެ ސަލާމަތީ ކަންކަމަށް ވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ސިނާއަތުގެ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރުނބާ ރިސޯޓްގައި މިއަދު ފެށި "މޯލްޑިވްސް ކައުންޓާ ޓެރަރިޒަމް ސެކިއުރިޓީ ވޯކްޝޮޕް 2017"ގައި މިނިސްޓަރު ވިދާޅުވީ، ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ ބިރު އެންމެ ބޮޑީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކަމަށެވެ. އަދި އެ ނުރައްކާ އެންމެ ބޮޑީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށް ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ އެންމެ ހަމަލާއަކުން ވެސް ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމަށް ލޮޅުމެއް އައުމަކީ އެކަށީގެންވާ ކަމެއް. ރާއްޖޭގެ އިގުތިސާދުގެ މައިބަނދައަކީ ޓޫރިޒަމް ކަމަށްވީ ހިނދު، ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކުގެ ސަލާމަތީ ކަންކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ޔޫކޭގެ މެޓްރޯޕޮލިޓަން ފުލުހުންގެ އިތުރުން ދިވެހި ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ދެ ދުވަހުގެ މުއްދަތައް ބާއްވާ އެ ވޯކްޝޮޕުގައި ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ސަލަމަތީ މައްސަލަތަކާއި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ވޯކްޝޮޕްގައި ރާއްޖޭގެ އެކި ރިސޯޓްތަކުގައި ސެކިއުރިޓީ ދާއިރާގައި ހަރަކާތްތެރިވާ 140 އެއްހާ މީހުން ބައިވެރިވެ އެވެ.