24 Jan 2017, 14:55
އޭޝިއަން ކަޕް ކޮލިފައިންގެ ރާއްޖޭ ހިމެނޭ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މާޗު 28 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ނިކުންނަށް ޖެހިއްޖެ އެވެ.
ރާއްޖެ އާއި ފަލަސްތީންގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ އޮމާނާއި ބޫޓާނެވެ. އޭޝިއަން ކަޕަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕްއަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި ޖޫން 13ގައި ނިކުންނާނީ ބޫޓާންގެ ތިމްޕޫގަ އެވެ. ތިން ވަނަ މެޗުގައި އޮމާނާ ދެކޮޅަށް އެ ގައުމުގައި ނިކުންނާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. ހަތަރު ވަނަ މެޗުގައި އޮކްޓޯބަރު 10 ވަނަ ދުވަހު މާލޭގައި އޮމާންއާ ދެކޮޅަށް ނިކުންނަ އިރު ފަސް ވަނަ މެޗުގައި ފަލަސްތީނާ ދެކޮޅަށް އެ ގައުމުގައި ނިކުންނާނީ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް މާލޭގައި ނިކުންނާނީ އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހު އެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގައި އެންމެ ވަރުގަދަކަމަށް ބެލެވެނީ އޮމާނެވެ. ކޮލިފައިންނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމްގެ ކޯޗު އަންނަ މަހު މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.