މީޑިއާތަކުން ކޮންމެ އެއްޗެއްކިޔަމުން ދިޔަ ނަމަވެސް، އޮފްސައިޑް އުވާލުމުގެ ވިސްނުން އަދި ވެސް ގެންގުޅޭ ކަމަށް ފީފާގެ ޗީފް ފޮ ޓެކްނިކަލް ޑެވެލޮޕްމަންޓް އަދި ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް މާކޯ ވެން ބާސްޓެން ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ވިސްނަމުންދާ ކަމަށާއި އެ ބަދަލުތައް ފާސްކުރުމަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ)އަށް ހުށަހެޅާނެ ކަމަށް ވެން ބާސްޓެން މިދިޔަ ހަފްތާ ވަނީ ވިދާޅުވެފަ އެވެ.

ވެން ބާސްޓެން ވިސްނާފައިވާ ކަންކަމުގެ ތެރޭގައި އޮފްސައިޑްވުން އުވާލުމާއި ޓެކްނިކަލް ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުން ފާހަގަކޮށްލެވެ އެވެ.

"އަހަރެންނަށް ފެނިއްޖެ މީޑިއާތަކުން ބޭކާރު ވާހަކަތަކެއް ދައްކާތަން. ދިހަ ފިޔަވަޅުގެ ޕްރޮޖެކްޓެއް ކަމަށް އެމީހުން ކިޔަމުންދޭ. އެކަންކަން އައިގޮތެއް އަހަރެންނަކަށް ނޭނގޭ. އޮފްސައިޑް އުވާލަން ވިސްނާ ވިސްނުމަށް ބަދަލެއް ނުގެންނާނަން،" ވެން ބާސްޓެން ވިދާޅުވި އެވެ.

ވެން ބާސްޓެން ވިދާޅުވީ، ފުޓްބޯޅަ ގަވާއިދަށް ގެންނަން ވިސްނާ ބަދަލުތަކުގެ ތެރެއިން ހާމަކޮށްފައި ވާނީ އަދި މަދު ކަންތައްތަކެއް ކަމަށާއި ގެންނަން ވިސްނާ ބަދަލުތަކުގެ ތެރޭގައި ވަގުތު ނަގާލާ މައްސަލައަށް ހައްލެއް ހޯދުމާއި ރެފްރީންނާ ދެކޮޅަށް ކުޅުންތެރިން ބަސްބުނުމާއި އިތުރު ވަގުތުގައި ހަތަރު ވަނަ ބަދަލު ކުޅުންތެރިއެއް އެރުވޭ އުސޫލާއި ބެންޗުގައި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކުރެވޭ ގޮތް ހިމެނޭ ކަމަށެވެ.

"އޮފްސައިޑްވާ އުސޫލު އުވާލުމުން ޓީމުތަކަށް ލަނޑު ޖެހުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ. އެ ބަދުލުތައް އައިއެފްއޭބީ އަށް ހުށަހެޅުމުން އެ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ނިންމާނީ އެ ބޯޑުން. މި ޕްލޭންތަކާ މެދު ކަންތައް ކުރާނެ ގޮތެއް މާޗްމަހު ނިންމާނަން،" ވެން ބާސްޓެން ވިދާޅުވި އެވެ.