25 Jan 2017, 13:46
ޝަރޫ ލޯޗް ސާވިސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯ އަދި ފެނަކައާ އެކު ހިންގި ވިޔަފާރީގެ މުއާމަލާތުގައި އެ ކުންފުންޏަށް ގެއްލުމާއި ކުރިމަތިވީ މޮރީޝިއަށް ކޮމާޝިއަލް ބޭންކް (އެމްސީބީ)ގެ ސަބަބަން ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރަން ނިންމައިފި އެވެ.
ޝަރޫ ލޯންޗުން ސްޓެލްކޯ އަދި ފެނަކައަށް ޑޮލަރު ވިއްކުމަށް ފައިސާ ނެގުމަށް ފަހު ޑޮލަރު ދޫ ނުކުރި މައްސަލަ އެ ދެ ކުންފުނިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ޝަރޫ ލޯންޗްގެ ވެރިޔާ މުހައްމަދު މުސްތާގް 'ސަން' އަށް ވިދާޅުވީ އެމްސީބީން އެ ކުންފުންޏަށް ދީފައިވާ ޔަގީން ކަމާއި އެއްބަސްވުމާ އެއްގޮތަށް ބޭންކުން ޑޮލަރު ދޫކުރަން އެއްބަސްވި ކަމަށެވެ.
ނަމަވެސް ފެނަކަ އަދި ސްޓެލްކޯއަށް ވެސް އެމްސީބީން ޑޮލަރު ނެގުމަށް ދިން ޗެކަށް ބޭންކުން އެއްބަސްވި ގޮތަށް ޑޮލަރު ދޫކޮށްފައިވާ ނުވާ ކަމަށް މުސްތާގު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޗެކް ބައުންސްވީކީ ނޫން، އެމްސީބީން ޑޮލަރު ދޫނުކުރީ،" މުސްތާގު ވިދާޅުވި އެވެ.
މީގެ ކުރިން ފެށިގެން އެސްޓީއޯއަށް ވެސް ޑޮލަރު ވިއްކަމުން ދަނީ ހަމަ އެކުންފުނިން ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް މުސްތާގު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްސީބީގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކުރާނެ ކަމަށް ޝަރޫ ލޯންޗުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން މޮރީޝިއަސް ކޮމާޝިއަލްް ބޭންކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެފަރާތަށް ގުޅާލުމުން މައުލޫމާތު ހިއްސާކުރާނީ ވެރިން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވެރިންނަށް ގުޅޭނެ ނަމްބަރު ހިއްސާ ކުރުމުގެ އިހްތިޔާރު ނެތް ކަމަށް އެމްސީބީން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ޝަރޫ ލޯޗް ސާވިސް އިން ތިން ޗެކެއް ދޫކޮށްފައިވާ ކަމަށެވެ. ޖުމްލަ އެއް މިލިއަން ޑޮލަރުގެ އެ ޗެކުތައް ބައުންސްވެފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފަ އެވެ.