ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރު 28،800 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ ދައުލަތުން ވިސާމް އާއި ލީވާންގެ މައްޗަށް އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވުމުންނެވެ.

ވިސާމް އަދި ލީވާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ފުލުހެއް ގައިގައި ވިސާމް ފަހަތުން ބައްދާލުމަށް ފަހު ފަހަތަށް ދަމައިގެންފައިވާ ކަމަށެވެ.

އަދި ލީވާންވެސް ފުލުސް މީހާއަށް ހުރަސް އެޅިކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމުގައިވީނަމަވެސް އެ މައްސަލާގައި ޖޫރިމަނާކުރީ އެއީ އެ ދެ މީހުންގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައިވާތީ ކަމަށް ވެސް ހުކުމްގައި ވެއެވެ.

ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެ ދެ މީހުންނަށް ވަނީ އަންގައިފައެވެ.