އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ފުވައްމުލަކަށް އެތެރެކުރަން އުޅުނު ދެ ފިރިހެނަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އެރަށު ހޯދަނޑު ނަސްފަރު، މުހައްމަދު ސިނާން،25، އާއި މާދަނޑު ހިރު، މުހައްމަދު ސާނިހު،21، އެވެ.

ފުލުހުން ބުނި ގޮތުގައި، އެދެމީހުން ހައްޔަރުކުރީ އިއްޔެ ހަވީރު 3.30 ގައި އައްޑޫން ފުވައްމުލަކަށް ދިޔަ ފެރީން އެރަށަށް އެމީހުން ފޭބުމުން ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް އެމީހުންގެ އެކްސްރޭ ނެގިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެންނަން ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށާއި އެތަކެތި އެމީހުންގެ ހަށިގަނޑުން ބޭރުކުރީ ޑޮކްޓަރުގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން ސިނާނުގެ ހަށިގަނޑުން ތިން ބުލެޓާއި ސަނީހުގެ ހަށިގަނޑުން ދެ ބުލެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ަހައްޔަރުކުރި ދެމީހުންގެ މަސްތުވާކެތީގެ ކުށުގެ ރެކޯޑް އޮންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެ ތެރެއިން ސާނިހުގެ މާރާމާރީއާއި ވައްކަމުގެ ކުށުގެ ރެކޯޑް ވެސް އެބަ އޮތް ކަމުގައި ބުންޏެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމުގެ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާތީ، އެތަކެތި އެތެރެ ހަށީގައި ފޮރުވައިގެން އެރަށަށް އެތެރެކުރަން ކުށްވެރިން މަސައްކަތްކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ އެއް ވަނަ ދުވަހު ބޮކްސާ ތެރޭގައި ފޮރުވައިގެން މީހަކު މަސްވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމަށާއި އޭގެ އިތުރުން 12 އަހަރުގެ ޖަލު ހުކުމަކަށް ފިލައިގެން އުޅެނިކޮށް އެރަށުން މިމަހުގެ 12 ވަނަ ދުވަހު ހައްޔަރު ކުރި މީހާގެ އެތެރެ ހަށިން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.