24 Jan 2017, 13:00
ކޮންސްޓުރަކްޝަން ދާއިރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ނިމެމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ކޮންސްޓުރަކްޝަން ދާއިރާ މޮނީޓާ ކުރުމަށް މިހާރު އަމަލު ކުރަމުން ދަނީ 1993 ވަނަ އަހަރު އެކުލަވާލާފައިވާ ޕްލޭނިން ގަވައިދަކަށެވެ. ވަކި ހަރުދަނާ އުސޫލެއް ނެތި ރާއްޖޭގައި އިމާރާތްތައް ކުރެވޭ އިރު 2015 ވަނަ އަހަރު ވެސް އެދާއިރާއާ ގުޅުން ހުރި ހާދިސާތަކުގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.
ހައުސިން މިނިސްޓްރީގެ ނައިބު ހަސަން ޒަރީރު ވިދާޅުވީ މިހާތަނަށް ކޮންސްޓުރަކްޝަން ދާއިރާއަށް ހާއްސަ ގާނޫނެއް ނެތް އިރު އެފަދަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަވާ އެކަމާ ގުޅޭ ގޮތުން، އެކަންތައް އުޅެނީ ފައިނަލް ސުޓޭޖުގައި،" ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ގެދޮރު ހަދަނީ އުސޫލްތަކާ އެއްގޮތަށްތޯ ބެލުމަށް ތަންތަން ބަލަމުން ނުރަނގަޅަށްކޮށްފައި ހުންނަ ކަންކަން އިސްލާހު ކުރަން އަންގަމުންދާ ކަމަށެވެ. އޭގެ ނަތީޖާ ރަނގަޅު ކަމަށާއި މިދިޔަ އަހަރު އެ ދާއިރާއާ ގުޅުން ހުރި ހިތާމަވެރި ހާދިސާއެއް ހިނގާފައިނުވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
ކޮންސްޓުރަކްޝަން ދާއިރާއަށް ހާއްސަ ގާނޫނެއް ނެތް އިރު ވިޔަފާރި އުސޫލަށް އިމާރާތްތައް ހަދަމުންދާތީ ރައްކާތެރި ނޫން އެތައް ގޮތަކަށް ދަނީ އަމަލު ކުރަމުންނެވެ. އޭގެ ސަބަބުން އިމާރާތްތަކުގެ ކޮންކުރިޓް ވެއްޓުން ފަދަ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.