24 Jan 2017, 12:27
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 612 ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.
ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ ގައިދީން އިސްލާހުކޮށް މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭ ފަދަ ތައުލީމީ ހުނަރެއް ބިނާކޮށް މަސައްކަތެއް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމްތަކެކެވެ.
ެއެގޮތުން ނިމިދިޔަ އަހަރު އެމްސީއެސް އިން ވަނީ ހަތަރު ފޭސް އަކަށް އެކުލެވޭ "ރިހެބިލިޓޭޝަން ފްރޭމްވޯކް'އެއް އިފްތިތާހްކޮށް، އެ ފްރޭމްވޯކާ އެއްގޮތަށް އަމަލުކުރަން ފަށައިފަ އެވެ.
ފްރޭމްވޯކްގައި ހިމެނޭ ފޭސް ތަކުގެ ތެރޭގައި ގައިދީންގެ ކިބާގައި އަހުލާގު ބިނާކުރުމަށާއި އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާ ތައުލީމާއި ވޮކޭޝަނަލް ކަންތައްތައް ދަސްކޮށްދިނުމުގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް ހިމެނެއެވެ.
އެޑިއުކޭޝަން އަދި ވޮކޭޝަނަލް ފޭސްގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސިކް ޤުރުއާން ކްލާހާއި ގާރީ ކޯހުގެ އެކި ލެވެލްތަކާއި ވުޑް ކާވިން، ކޮމްޕިއުޓަރު ކޯސްތަކާއި ހައުސް ވަޔަރިން އެންޑް އިލެކްޓަރިޝަން ކޯހުގެ އިތުރުން އެގްރިކަލްޗާ ކޯހާއި ފަހާ ކޯހާއި ޕެސްޓް އެންޑް ޑިސީޒް ކޮންޓްރޯލް ހިމެނެއެވެ.
ޕްރިޒަން ކޮމިއުނިޓީ ސާވިސްގެ ބައިގައި އެކި ކުންފުނިތަކާއި ގުޅިގެން ގައިދީންނަށް އެލަވަންސް ވަޒީފާގެ ފުރުސަތު ވެސް ވަނީ ހޯދައިދީފަ އެވެ.
އެގޮތުން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ގުޅިގެން އެ ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ގާ އެޅުމަށްޓަކައި ކ. ތިލަފުށީގައި "އެމްސީއެސް އަހުލުވެރި މަރުކަޒު"ގެ ނަމުގައި މަރުކަޒެއް ގާއިމްކޮށް، ގައިދީން ބައިވެރިކޮށްގެން ގާ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް އެމްސީއެސް އިން ބުނެއެވެ.
އޭގެއިތުރުން، ފިޝަރީޒް މިނިސްޓްރީން ތައްޔާރުކުރާ އޮއިވާލި ކަނދުފަތި ހެދުމަށް ބޭނުންވާ އެންކަރު ބްލޮކް ތައްޔާރުކުރުމުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކ. މަނިޔަފުށީގައި އިންޖީނުގެއެއް އިމާރާތްކުރުން ވެސް ޕްރިޒަން ކޮމިއުނިޓީ ސާވިސްގެ މަސައްކަތްތަކުގެ ތެރޭގައި ކޮށްފައިވެ އެވެ.