ދިވެހިރާއްޖޭގައި ދިރިއުޅުމަށް މިހާރު ފަސޭހަވެއްޖެ ކަމަށާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަންޖެހޭ ފަދަ ހާލަތެއް މިއަދު ރާއްޖޭގައި ނެތްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވާ، ސިޔާސީ އަދި އިގްތިދާސީ ބައިނަލްއަގުވާމީ ބައްދަލުވުން "ރައިސީނާ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީއަށް ވަޑައިގެންނެވީ ޑރ. ޝައިނީގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދެވެ.

ރައިސީނާ ޑައިލޮގްގެ ހަވާސާގައި، އިންޑިއާގެ ދަ ވަޔަރ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކަށް ދެވަނަ ފަހަރަށް ދައުވަތު ދީފައިވާނެ ކަމަށާއި، މަޝްވަރާގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް، ޕާޓީގެ އެންމެ މަތީ ފަރާތުން ފާސްކޮށްގެން ސަރުކާރަށް އެންގުމަށް އެދުނު ކަމަށެވެ.

"އޭރު އިދިކޮޅު ފަރާތްތައް މަޝްވަރާތަކުން ވަކިވެ، ބުނަމުން ދިޔައީ އަޅުގަނޑުމެން ކުރިން އެއްބަސް ނުވާ ކަމެއް ފުރިހަމަނުވާ ކަމަށް. ފަހުން އަޅުގަނޑުމެންނަށް އެނގުނީ އެ އެއްބަސްވުމަކީ މަޝްވަރާގައި ސަރުކާރު ތަމްސީލުކުރަން ނިންމާފައިވާ ފަރާތްތައް ނޫން އެހެން ބަޔަކާ އެކު އިދިކޮޅު ފަރާތްތަކުން ވި އެއްބަސްވުމެއް ކަން. މިއާ އެކު މަޝްވަރާގެ ނަމުގައި އެހެން ފަރާތްތަކާ އިދިކޮޅުން ވާހަކަދައްކަން ފަށައި، ހުރިހާ ކަމެއްގެ މަތި އެޅުވީ ސަރުކާރުގައި،" ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްވަރާތަކަށް މެދުވެރިއަކަށް އދއިން ފޮނުއްވި މަންދޫބު ޓަމްރަޓް ސެމިއުލް -- ފޮޓޯ/ ރައީސް އޮފީސް

ޝައިނީ ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް، މަޝްވަރާތަކުގެ މެދުވެރިއަކަށް ހުރި އދއާ ވެސް ހިއްސާ ކުރެވުނު ކަމަށެވެ.

"އެފަހަރު އާޅުގަނޑުމެން ބުނީ މަޝްވަރާގެ މޭޒަށް އަންނަ ފަރާތަކީ ސައްހަ މީހަކަށް ވާން. ނޫސްތައް ބަލާލައިފި ނަމަ އެނގޭނެ އިދިކޮޅު ޕާޓީތަކުގެ އެތެރޭގައި ހަމަނުޖެހުންތައް ހުރިކަން. މިކަން މިހެން އޮއްވާ، ޕާޓީތަކުން ފޮނުވާ ބަޔަކު މަޝްވަރާގައި ބައިވެރިވެ ނިމުމުން ޕާޓީއިން ބުނެފާނެ ތިމަންނަމެން ކަނޑައެޅި ބައެއް ނޫނޭ މަޝްވަރާއަށް އައީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެފަދަ ހާލަތެއް އަންނާކަށް،"

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ޑރ. ޝައިނީ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ސިޔާސީ ޕާޓީތަކުން އެފަދަ މަޝްވަރާއެއް ކުރަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.

"މިހާރު ރާއްޖޭގެ އާންމު ހާލަތު ވަރަށް ހިމޭންވެއްޖެ. ދެފަރާތުން އެއްބަސްވެގެން ރާއްޖެއަށް އެއްބައިވަންތަކަން ގެންނަންޖެހޭ ފަދަ ހާލަތެއް ދެން މެދުވެރިވެއްޖެ ނަމަ، އިދިކޮޅު ފަރާތްތައް އަޅުގަނޑުމެންނާ ހަމައަށް މަޝްވަރާކުރުމަށް އަންނާނެ،" ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ރާއްޖެއަށް ގެންނަވާ ތަރައްގީ ރައްޔިތުންނަށް ފެނިއްޖެ ކަމަށާއި، އެ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރުން ރައްޔިތުން ހުއްޓާލާފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ދުނިޔެއަށް މިހާރު އެނގި ހާމަވެއްޖެ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭނެ މަގުބޫލު ސަބަބެއް ނެތްކަން. ރާއްޖޭގެ ރަށްރަށަށް ސަރުކާރުން ކޮށްދޭ ކަންކަމާއި ބާއްވާ ގުޅުން އާންމުންނަށް ފެނިއްޖެ. ގާތްގަނޑަކަށް ކޮންމެ ރަށެއްގައި ތަރައްގީގެ މަސައްކަތްތައް ކުރިަޔށްދޭ. މީހުންނަށް މިކަންކަން ފެނޭ. ރައްޔިތުން ބޭނުމެއް ނުވޭ ރައީސް ޔާމީން ގެންނަވާ ތަރައްގީއަށް ހުރަސް އަޅާކަށް،" ޑރ. ޝައިނީ ވިދާޅުވިއެވެ.