24 Jan 2017, 11:19
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
އެތުލެެޓިކްސް އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ ދިހަވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މިދިޔަ އަހަރު އެ މުބާރާތް ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ.
އަންނަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ހިތަދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ހުޅުވާލާފައި ވަނީ ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖްތަކާއި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކަށެވެ. އެ މުބާރާތް ކުރިއަށްދާނީ ދެޖިންސް ވަކިން، ތިން އުމުރުފުރާއަކަށެވެ. އެއީ 13 އަހަރުންދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އެ މުބާރާތުގައި ޖުމްލަ 66 އިވެންޓް ކުރިއަށްދާނެއެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާ ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި ތިންވަނަ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އެ މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައި ވަނީ ދެ ޖިންސް ވަކިންނެވެ.