ސ. މީދޫގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވެސް ވިދާޅުވީ، އެފަދަ މައްސަލައެއް ނުރަސްމީކޮށް އެ ފަރާތަށް ހުށަހެޅިފައިވާ ކަމަށާއި އައްޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރުން އެ މައްސަލަ ބަލަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

ކުޑަކުއްޖާއަށް އަނިޔާކުރަމުންދާ އަންހެން މީހާގެ އާއިލާ މީހަކު ސަން އަށް ކިޔައިދިން ގޮތުގައި، ކުއްޖާގެ މަންމަ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި އަނިޔާ ކުރަމުންދަނީ އޭނާގެ ދެ އަހަރުގެ އަންހެން ކުއްޖާއަށް ކަމަށް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވިދާޅުވީ، އެ މިނިސްޓްރީން ބަލާ އެފަދަ މައްސަލަތަކަކީ މީޑިޔާއާ ހިއްސާ ކުރެވޭނެ މައުލޫމާތުތަކަކަށް ނުވާތީ، އެކަމާ ގުޅޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެއީ ހަގީގަތެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ ތަނަކުން ނުބުނެއެވެ.

ޖެންޑާ މިނިސްޓްރީގެ ސީނިއާ އެހެން އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއީ ހަގީގަތާ ހިލާފު ވާހަކައެކެވެ. އަދި އެއީ ކުޑަކުއްޖާގެ މަންމައާ ޒާތީ ގޮތުން ޖައްސާލާފައިވާ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށް ވެސް މިނިސްޓްރީއާ ހަވާލާދީ ނޫހެއްގައި ބުނެފައިވެއެވެ.