24 Jan 2017, 10:30
މިދުވަސްވަރު ޑެންގީ ޖެހޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ހެލްތް އެލާޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ހިމެނޭ ގޮތަށް މިހާތަނަށް ޑެންގީ ޖެހިގެން 1962 ކޭސް އެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެއީ 2015 އާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފެންހަރުލާ ގޮތަށް ގޯތި ތެރޭގައި ހުންނަ ތަކެތި ނަގައި ސާފު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެންގީން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން
- މަގުމައްޗާ ގޯތި ތެރެ އަދި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން
- ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުން
- މަދިރި ލޯޝަން ބޭނުން ކުރުން
- ގެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭއިރު އަދި އިރު އަރާ ވަގުތު ދޮރުތައް ލެއްޕުން
ހުން އަންނަ ނަމަ މިކަންކަމަށް ސަމާލުވޭ
- ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުން
- އަރާމު ކުރުން
- ޕެރެސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުން ނުކުރުން
- ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
ޑެންގީން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި ތަން ތަން ބަލައި ފާސްކުރުމަށް އެޗްޕީއޭގެ ފަރާތުން ރަށް ރަށުގައި ހަރަކާތްތެރިވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.