ވޮޝިންޓަން (ޖަނަވަރީ 24) : އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ޑައިރެކްޓަރު ކަމުގެ މަގާމަށް ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ މައިކް ބޮންޕިޔޯ އައްޔަން ކުރުމަށް އެމެރިކާގެ ސެނެޓުން ރުހުން ދީފި އެވެ.

ބޮންޕިޔޯއަކީ މިމަގާމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިޚްތިޔާރު ކުރެއްވި ޝަޚްސިއްޔަތެވެ. އޭނާއަކީ އެމެރިކާގެ ޖާސޫސީ ހަރަކާތްތައް މިހާރަށް ވުރެ ފުޅާކުރުމަށާއި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރާ ކަމަށް ބެލެވޭ މީހުން ހައްޔަރުކޮށް އެމީހުންގެ ކިބައިން ބޭނުންވާ މައުލޫމާތު ގަދަބާރުން (އަނިޔާކޮށްގެން ވެސް) ހޯދުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

އެމެރިކާގެ ހަރުކަށި ރައީސެއްކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ސީއައިއޭ އިން ވަނީ ފެނުގައި ގަންބައި ހިފަހައްޓައި ހާސްކުރުން ފަދަ އަނިޔާތައް މީހުންނަށް ދީގެން އެމީހުންގެ ކިބައިން ބޭނުންވާ މައުލޫމާތު ހޯދުމުގެ ލާއިންސާނީ އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ. އެމެރިކާ ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ކޮންޓްރޯލްކޮށް އިންސާނީ ހައްގުތަކާ ޚިޅާފު ގިނަ އަމަލުތައް ހުއްޓުވީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަ އެވެ. ނަމަވެސް ސީއައިއޭ ފަދަ އިދާރާތަކުން ހިންގާ އިންސަނިއްޔަތާ ޚިލާފު ޖަރީމާތައް އޮބާމާއަށް ވެސް މުޅިން ހުއްޓުވިފައެއް ނުވެ އެވެ.

ބޮންޕިޔޯ

ސީއައިއޭގެ ޑައިރަކްޓަރަކަށް ބޮންޕިޔޯ އައްޔަން ކުރުމަށް ސެނެޓުގެ 67 މެންބަރުން ރުހުން ދީފައިވާ އިރު 30 މެންބަރުން ވަނީ އޭނާ އަށް ރުހުން ދިނުމަށް ދެކޮޅު ހައްދަވައިފަ އެވެ. ރުހުން ދިނުމަށް ދެކޮޅު ހެދި ގިނަ ސެނެޓަރުންނަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމަށް ޓްރަމްޕް އިޚްތިޔާރު ކުރައްވާފައިވާ ރެކްސް ޓިލާސަން އެ މަގާމަށް އައްޔަން ކުރުމަށް ވެސް ސެނެޓްގެ ޚާރިޖީ ކަންކަމާގުޅޭ ކޮމިޓީން ވަނީ ރުހުން ދީފަ އެވެ. ރެކްސް ޓިލާސަން އަކީ މުއްސަނދި މަހުޖަނެކެވެ. އޭނާއަކީ އެމެރިކާގެ އެންމެ ބިޔަ އަދި އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެކްސަން މޯބައިލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އެވެ.

ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ވަޒީރުންނާއި އިސްފަރާތްތަކުގެ ތެރޭގައި ގިނައީ އޭނާ ފަދަ މުއްސަނދި ބިލިޔަނަރުންނެވެ. މީގެ ތެރޭގައި ސަރުކާރާއި ޕަބްލިކް އެފެއާޒް ދާއިރާގެ ތަޖްރިބާލިބިފައިވާ މީހުންނާއި ފަންނީ ތައުލީމުގެ ޓެކްނޮކްރޭޓުން ވަރަށް މަދެވެ. އެމެރިކާގެ އެހެން ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ވެސް ފަންނީ ތައުލީމުގެ ޓެކްނޮކްރޭޓުން ގިނަ އަދަދަކަށް ހިމެނިފައިވެ އެވެ. (ރޮއިޓާސް)