ބޮލީވުޑްގެ ރަސްގެފާނު ޝަހް ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު 'ރައީސް' ޕްރޮމޯޓު ކުރުމަށް އޭނާ ރޭލެއްގައި ދަތުރު ފަށާފައިވާ އިރު، ޝާހު ދެކިލުމަށް ރެއިލްވޭ ސްޓޭޝަން އަށް ޖަމާވި މީހުން ތޮއްޖެހި ހިނގި ހާދިސާއެއްގައި އެކަކު މަރުވެ، އިތުރު މީހެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

މުމްބާއީ އިން ދިއްލީ އަށް ދިއުމަށް 'ރައީސް'ގެ ޓީމާ އެކު ޝާހު ދަތުރު ފެށީ އިއްޔެ އެވެ. ޝާހު ފުރާ މަންޒަރު ބެލުމަށް ވެސް މުމްބާއީގެ ސެންޓްރަލް ސްޓޭޝަން އަށް އެތައް ބަޔަކު ވަނީ ޖަމާވެފަ އެވެ.

މީހުން ފުރިބާރުވުމުގެ ސަބަބުން މީހަކު މަރުވެފައި ވަނީ ވަދޯދަރާ ރެއިލްވޭ ޕްލެޓްފޯމްގަ އެވެ. ޝާހު އަދި ރައީސްގެ ޓީމު ދަތުރު ކުރަމުން ދިޔަ ޓްރެއިން ވަދޯދަރާ އަށް މަޑުކުރުމުގެ އެތައް ގަޑިއިރު ކުރިން، ސަޕޯޓަރުން ވަނީ އެ ސްޓޭޝަނަށް އެއްވާން ފަށައިފަ އެވެ.

ސަޕޯޓަރުންނާ ބައްދަލު ކުރަން ޝާހު ޓްރެއިން އިން ފައިބައިފަ އެއް ނުވެ އެވެ. މައިކް ބޭނުން ކޮށްގެން ޝާހު ވަނީ އެއްވެ ތިބި މީހުންނާ ވާހަކަ ދައްކައި، ފިލްމު ބަލަން ދިއުމަށް އެންމެންގެ ކިބައިން އެދިފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ވަދޯދަރާ ސްޓޭޝަން އިން ރޭލު ނައްޓާލުމުން، ހުރިހާ އެންމެއް އެއްފަހަރާ ނުކުންނަން މަސައްކަތް ކުރުމުން ކަމަށް ޚަބަރުތައް ބުނެ އެވެ. މަރުވެފައި ވަނީ އުމުރުން ފަންސާހަކަށް އަހަރުގެ ފަރީދް ޚާން ޝެރާނީ އެވެ.

ފަރީދް އަކީ ޝާހުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށްވެ އެވެ. އަދި އޭނާ އެ ދުވަހު ވަދޯދަރާ ސްޓޭޝަނަށް ދިޔައީ އޭނާގެ އަނބިމީހާ އަދި އަންހެން ދަރިފުޅާ ވެސް އެކު އެވެ.

މީހުންގަނޑު ފިތިބާރުވުމުގެ ސަބަބުން، ގިނަ ބަޔަކަށް ވަނީ ނޭވާލުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ފަރީދްގެ އިތުރުން، ހާލު ސީރިއަސްވީ މީހަކާއި ހޭނެތުނު ދެ ފުލުސް އޮފިސަރުން ވެސް ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފަރީދް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނި މަރުވެފަ އެވެ.

އޭގެ އިތުރުން ވެސް ގިނަ ބަޔަކަށް ވަނީ ޖިސްމާނީ ގޮތުން ވެސް އެކި ކަހަލަ ޒަޚަމްތައް ލިބިފަ އެވެ.

ޝާހު އާއި ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން އަދި ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ފެނިގެންދާ 'ރައީސް' ރިލީޒް ކުރާނީ މާދަމާ އެވެ.