24 Jan 2017, 09:23
ޑައިރެކްޓަރު ދިބާކަރް ބެނަރްޖީގެ ކުރިއަށް އޮތް ފިލްމުން އަރްޖުން ކަޕޫރު އާ އެކު ފެނިގެން ދާނީ ޕަރިނީތީ ޗޯޕްރާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޕަރިނީތީ އާއި އަރުޖުން ވަނީ މީގެ ކުރިން ވެސް އެކުގައި ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ރިލީޒްވި 'އިޝަކްޒާދޭ'ގައި ފެނިގެން ދިޔަ ޕަރިނީތީ އަދި އަރްޖުންގެ ކެމިސްޓްރީ އަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.
ދިބާކަރް ބެނަރްޖީގެ ކުރިއަށް އޮތް ފިލްމަކީ އެކްޝަން ތުރިލަރ އެކެވެ. އެ ފިލްމުގައި އަރްޖުން ފެނިގެން ދާނީ ހަރިޔާނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ.
ފިލްމުގައި އަރްޖުން އާ އެކު ފެނިގެންދާނީ ޕަރިނީތީ ކަން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ޕަރިނީތީ ފިލްމަށް އެއްބަސްވެފައިވާ ކަމަށާއި ފިލްމަށް ސޮއި ކުރުމާ އެކު އެކަން އޮފިޝަލް ވެގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ޔަޝް ރާޖް އެވެ.