24 Jan 2017, 09:07
އެމެރިކާގެ ވިޔަފާރި ކުންފުނިތަކުން އެތަންތަނުގެ ކާރުޚާނާތައް އެމެރިކާ އިން ބޭރުގެ ގައުމުތަކަށް ގެންދާ ނަމަ، އެ ކުންފުނިތަކުގެ މައްޗަށް ބޮޑު ޓެކުހެއް ތަންފީޒުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
އެމެރިކާގެ ރައީސްކަމާ މިދިޔަ ހުކުރު ދުވަހު ހަވާލުވެވަޑައިގަތް، 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު ވެސް ވަނީ، އެމެރިކާގެ ރައްޔިތުންނަށް ވަޒީފާ މަދު ވާހަކަތައް ދައްކަވައިފަ އެވެ.
އިއްޔެ ރައީސް ޓްރަމްޕް ވަނީ، އެމެރިކާގެ ބައެއް ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ލޮކްހީޑް މާޓިން، އަންޑަ އާމާ، ވަލްޕޫލް، ޓެސްލާ އަދި ޖޯންސަން އެންޑް ޖޯންސަންގެ އިސްވެރިން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ރައީސް ޓްރަމްޕް ވަނީ، ކުންފުނިތަކަށް ގާނޫނީ އަދި އުސޫލީ ގޮތުން ގިނަ އިނާޔަތްތަކެއްދީ، ޓެކްސްތައް ވެސް ކުޑަކުރައްވާނެ ކަމުގެ ވައުދު ވެވަޑައިގެންފަ އެވެ. ނަމަވެސް، އެކުންފުނިތަކުގެ ފެކްޓްރީތައް އެމެރިކާ އިން ބޭރުގައި އާޅާ ނަމަ، "ބޯޑަރު ޓެކްސް"ގެ ނަމުގައި ވަރަށް ބޮޑު ޓެކުހެއް އެކުންފުންޏެއްގެ މައްޗަށް ތަންފީޒުކުރެވޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
"ތިޔަ ކުންފުނިތަކުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ އެމެރިކާގައި ދެމިތިބުން،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ކޯޕަރޭޓް ޓެކްސްތައް 20 ޕަސަންޓަށް ނުވަތަ 15 ޕަސަންޓަށް ދަށްކުރައްވާނެ ކަމަށެވެ. އެ ޓެކްސްތައް މިހާރު ހުރީ 35 ޕަސަންޓުގަ އެވެ. ނަމަވެސް އެއީ، އެ ކުންފުނިތަކުގެ ވަޒީފާތައް އެމެރިކާގައި އުފައްދާ ނަމަ އެވެ.
"އެމެރިކާގެ ހުރިހާ ރައްޔިތުން ވަޒީފާ އިން ވަކިކޮށް، ކާރުހާނާ ދުނިޔޭގެ އެހެން ތަނެއްގައި އަޅައި، އެތަނުން އެ އުފައްދާ މުދާ އެމެރިކާގެ ބޯޑަރުގެ ތެރެއިން އެތެރެއަށް ވަންނާނެ ކަމަށް ބައެއް ކުންފުނިތަކުން ހީކުރޭ. މިކަން މިގޮތަކަށް ދެނެއް ނުހިންގޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ދެއްވި ތަގުރީރުގައި ވެސް ވަނީ، އެމެރިކާގެ ރައްޔިތުންނަށް ވަޒީފާ މަދު ވާހަކަ ދައްކަވައިފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ބާރާއި މުއްސަނދިކަން ކޮންޓްރޯލްކުރަނީ ވެރިރަށް ވޮޝިންގްޓަން ޑީސީގައި ތިބި މަދު ބައެއް ކަމަށާއި އެމީހުންގެ އާރާއި ބާރު ބޮޑުވެގެން ދިޔަ އިރު، އާންމުންގެ ވަޒީފާތައް ގެއްލި، މަސައްކަތް ކުރާނެ ކާރުޚާނާތައް ދިޔައީ ބަންދުވެގެން ކަމަށެވެ.
އެމެރިކާގެ ބޯޑަރުތައް ހުރަސްކޮށް އެގައުމަށް އެތެރެވާ ބޭރު ގައުމުތަކުގެ މީހުން ދަނީ އެގައުމުގެ ކުންފުނިތަކުގެ ބާރު ނަގައި، ވަޒީފާތައް ހަލާކުކުރަމުން ކަމަށް ޓްރަމްޕްގެ ތަގުރީރުގައި ސިފަކުރެއްވި އެވެ.
"އެމެރިކާގެ ރައްޔިތުން ބޭނުން ވަނީ ދަރީންނަށް ރަނގަޅު ސްކޫލުތައް، އާއިލާތަކަށް ރައްކާތެރި މުޖުތަމައުތަކެއް، އަދި ރައްޔިތުންނަށް ރަނގަޅު ވަޒީފާތަކެއް،"
"އަހަރެމެންގެ ވަޒީފާތަކާއި ބޯޑާރުތަކާއި މުއްސަނދިކަމާއި ހުވަފެންތައް އަލުން އަނބުރާ އިޔާދަކުރާނަން،" ރައީސް ޓްރަމްޕުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވި އެވެ.