ޗެލްސީގެ ޑިއޭގޯ ކޮސްޓާއަކީ ފުރިހަމަ ސްޓްރައިކަރެއްގެ ގޮތުގައި އެކްލަބުގެ ސްޕެއިން ފޯވަޑް ޕެޑްރޯ ބުނެފި އެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްފައިވާ ކޮސްޓާއާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު މައްސަލަތަކެއް ޖެހި، ޗައިނީސް ސުޕާ ލީގުގެ ކްލަބަކަށް ބަދަލުވާން އުޅޭކަމަށް ހަބަރުތަކެއް ފެތުރިފައިވެ އެވެ.

ޗެލްސީއަށް މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްދީފައިވާ ޑިއޭގޯ ކޮސްޓާ(ވ)އާއި އެކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ --- ފޮޓޯ/ އޭޕީ

ހަބަރުތައް އެގޮތަށް ދެކެވެމުން ދަނިކޮށް، ޕްރިމިއާ ލީގުގައި ލެސްޓާއާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ކޮސްޓާ ނުފެނުމުން އެ ހަބަރުތައް އިތުރަށް ފެތުރެން ފެށި އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮސްޓާ ފެނުނު އިރު، އޭނާ ވަނީ އެ މެޗުގައި ލަނޑެއް ކާމިޔާބުކޮށް، ދެކެވެމުންދިޔައީ ދޮގު ހަބަރުތަކެއްކަން ކަށަވަރުކޮށްދީފަ އެވެ.

"އޭނާއަކީ ވަރަށް ރަނގަޅު ސްޓައިކަރެއް. ބައެއް މުހިންމު ކުޅުންތެރިންނާ އެކު އަހަރެން ކުޅުނިން. ޒްލަޓަން އިބްރަހިމޮވިޗް ފަދަ މުހިންމު ކުޅުންތެރިންނާ އެކު. ކޮސްޓާއަކީ ވެސް ވަރަށް މުހިންމު ސްޓްރައިކަރެއް. އޭނާއަކީ ދުވުމުގެ ހުނަރު ހުރި، ފިޒިކަލީގޮތުން ވަރުގަދަ، އަދި ގިނަ ލަނޑުތަކެއް ޖަހާ ކުޅުންތެރިއެއް. އޭނާއަކީ ޓީމަށް ވަރަށް ފުރިހަމަ ކުޅުންތެރިއެއް،"ޑައިލީ މެއިލްއަށް ދިން އިންޓަވިއެއްގައި ޕެޑްރޯ ބުންޏެވެ.

ޕެޑްރޯ ބުނީ، ޓީމުގެ ޓްރެއިނިންތަކުގައި އެއްވެސް މައްސަލައެއް ނެތި ކޮސްޓާ ބައިވެރިވަމުންދާ ކަމަށާއި ޗެލްސީގައި ކޮސްޓާ ހުރީ އުފަލުން ކަމަށް ގަބޫލުކުރާ ކަމަށެވެ.