ހަލް ސިޓީގެ ރަޔަން މޭސަންގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމުން ކުރި އޮފަރޭޝަނަށްފަހު އޭނާ މިހާރު ހޭއަރައި ރަނގަޅަށް ވާހަކަދައްކަމުންދާ ކަމަށް އެކްލަބުން ބުނެފިއެވެ.

ސްޓެމްފަޑް ބްރިޖްގައި މިދިޔަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެ 2-0 ލަނޑު ހަލް ސިޓީ ބަލިވި މެޗުގައި ބޯޅައެއް ހޯދުމަށް މަސައްކަތްކުރަނިކޮށް، ޗެލްސީގެ ގޭރީ ކޭހިލްގެ ބޮލާއި މޭސަންގެ ބޯ ޖެހުމުގެ ސަބަބުން މޭސަންއަށް ވަނީ އަނިޔާވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޭސަންގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އަށް މިނެޓް ވަންދެން ދަނޑުމަތީގައި އޭނާއަށް ފަރުވާދިނުމަށްފަހު، ސެއިންޓް މޭރީސް ހޮސްޕިޓަލަށް ގެންދެވުނެވެ. އެ ހޮސްޕިޓަލަށް ގެންގޮސް، ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން މޭސަންއަށް އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

"ކްލަބު ކެޕްޓަން މައިކަލް ޑޯސަންއާއި، ކްލަބު ޑޮކްޓަރު މާކް ވޯކާއާއި، މެޑިކަލްއާ ހަވާލުވެހުރި ރޮބް ޕްރައިސް އަދި ކްލަބު ސެކްރެޓަރީ މެޓް ވައިލްޑް ވަނީ މޭސަންއާ ބައްދަލުކުރުމަށް ސެއިން މޭރީސް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ. ހިނގައިދިޔަ ހާދިސާއަށްފަހު މިހާރު މޭސަން ވާހަކަދައްކާ. އަދި އޭނާގެ ހާލު މޮނިޓަރ ކުރަމުންދާނެ،" ހަލް ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން މޭސަންއަށް އަވަސް ޝިފާއަކަށް އެދި މެސެޖްތައް ފޮނުވަމުންދާއިރު، ޗެލްސީގެ ކޭހިލްއާއި ޖޯން ޓެރީ ވެސް ވަނީ އޭނާގެ ހާލު ބެލައިލުމަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.