24 Jun 2011, 11:00
އުމުރުން ދުވަސްވީ މީހުންނާ ދޭތެރޭގައި މިހާރަށްވުރެ ބޮޑަށް އަޅާލުމަށާއި، އެމީހުންނާ ދޭތެރޭގައި އިހާނެތިކޮށް ނުހިތުމަށްރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ހިތާބުގައި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވި، އެމީހުންނާ ހަވާލުވާނެ މީހަކުނެތި، ބިކަ ހާލުގައި ބައެއް މީހުން އުޅެންޖެހޭތަން ފެންނަމުންދާކަމީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންނަކީ، އެމީހުންގެ ދަރިންނާއި އާއިލާގެ ހުރިހާ މެންބަރުންގެ އެހީއާއި މަދަދު ވަރަށް ބޮޑަށް ބޭނުންވާނެ ބައެއް. އޯގާތެރިކަމާއެކު އެމީހުން ބަލައި، އަޅާލައި، އެމީހުން އަބަދުވެސް ހިތްހަމަޖައްސައިދިނުމަކީ، އެ އާއިލާއެއްގެ ކޮންމެ މެންބަރެއްގެ ވާޖިބެއް. މިކަންކަން މިހެން ހުރުމާއެކުވެސް، އުމުރުން ދުވަސްވީ މީހުންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވި، އެމީހުންނާ ހަވާލުވާނެ މީހަކު ނެތި ބިކަ ހާލުގައި ބައެއް މީހުން އުޅެންޖެހޭތަން ފެންނަމުންދާކަމީ ވަރަށް ހިތާމަހުރިކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިފަދަ ހާދިސާ މިމަހު ވެސް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އުމުރުން 79 އަހަރުގެ ފިރިހެނަކު، އޭނާ ދިރިއުޅޭ ރަށުން މާލެ އައިސް، އަޅާލާނެ މީހަކު ނެތިގެން، މިމަހުގެ 8 ވަނަ ދުވަހު ސަރުކާރުން އެމީހާއާ ހަވާލުވި ކަމަށާއި، އެމީހާ، އޭނާގެ އާއިލާއާ ހަވާލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކޮށް، އޭނާގެ ތިން ދަރިންނާ ގުޅުމުންވެސް، އޭނާއާ ހަވާލުވާނެ ދަރިއަކުވެސް ނުވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެންމެފަހުން މި މަހުގެ 12 ވަނަ ދުވަހު މިމީހާ ނިޔާވެފައިވާ ކަމަށާއި، އުމުރުން ދުވަސްވީ މީހަކު ސަރުކާރު ފިޔަވައި އަޅާލާނެ އެއްވެސް ފަރާތެއްނެތި ބިކަ ހާލުގައި މިދުނިޔެ ދޫކުރިކަން އެއީ، ހިތާމައެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.