ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކުގެ ތެރޭން، ލަނޑު ލިބޭކަމަށް ބުނާ ފަރާތްތަކަކީ ގަވައިދާ ހިލާފަށް އިންވެސްޓް ކުރާ ފަރާތްތައްކަމަށް ވިޔަފާރިވެރީންގެ ޖަމިއްޔާއިން ބުނެފިއެވެ.

ދިވެހީންނާ ގުޅިގެން ރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީންނަށް ލަނޑުދިނުން އިތުރުވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިރޭ ސަން އަށް ވިދާޅުވީ، އެއީ ތެދެއް ނޫން ކަމަށާއި އެކަމުގެ ހެއްކަކީ ބޮޑެތި އިންވެސްޓްމަންޓް ރާއްޖެ އަންނަމުންދާތީ ކަމަށެވެ.

އާސިފް ވިދާޅުވީ، ގާނޫނުގެ ތެރޭން ކަންކަން ކުރަން އުޅޭ އިންވެސްޓަރުންނަށް ލަނޑު ނުލިބޭ ކަމަށެވެ.

"ޗުއްޓީއަށް އައިސް ފެންނަ މީހަކާ އެކު މިހަދަނީ ފިހާރައެއް ނޫނީ ސަފާރީއެއް. މިއޮންނަ އެއްވެސް އުސޫލެއް ގަވައިދެއް ނުބަލާ ކަންކުރަނީ. ދެން ފަހުން އެހެން ނުބުނެވޭނެދޯ،" އާސިފް ވިދާޅުވިއެވެ.

އިންވެސްޓަރުންގެ ރައްކާތެރިކަމަށް އެކަށޭނަ ގާނޫނުތަކެއް ހެދިފައި އެބަހުރި ކަމަށާއި އަދި އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ހިނގަމުން އަންނަތަން ފެންނަކަމަށްވެސް އާސިފް ވިދާޅުވިއެވެ.

"ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރާނަމަ ވަރަށް ބޮޑަށް ބޭރު އިންވެސްޓަރުންނަށް ފަސޭހަވާނެ ރިކަވާކުރަން،"އާސިފް ވިދާޅުވިއެވެ.

މިދަނޑިވަޅަކީ ހުޅުމާލޭގައި ގެސްޓްހައުސްއެއް ހިންގި އެމެރިކާ ރަޔިތަކަށް، އޭނާގެ ޕާޓުނަރުންގެ ގޮތުގައި މަސައްކަތްކުރި ދިވެހީން ލަނޑުދީ ޕާސްޕޯޓް ގެއްލުވާލިކަމަށް ވާހަކަދެކެވޭ ދުވަސްވަރެކެވެ.