ޓްރާންސްފާ މާކެޓަކީ ލިވަޕޫލްގެ ޑިފެންސް ލައިން ރަނގަޅު ކުރުމަށް ހައްލެއް ނޫން ކަމަށް އެކްލަބުގެ ކޯޗު ޔާގަން ކްލޮފް ބުނެފިއެވެ.

ފާއިތުވެދިޔަ ހަ މެޗުގެ ތެރެއިން ލިވަޕޫލަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އެއީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕްލައިމައުތު އާގައިލްއާ ދެކޮޅަށް ކުޅުނު ރީޕްލޭ މެޗުގައެވެ. އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި ސްވަންސީ ސިޓީ އަތުން ވަނީ ބަލިވެފައެވެ. އެމެޗުން ލިވަޕޫލް ބަލިވީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެމެޗުގައި ލިވަޕޫލް ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރުމަށް ދިޔަ ސާޑިއޯ މާނޭ ނެތް ތަނާއި، އަނިޔާގެ ސަބަބުން ފިލިޕް ކޫޓޫނިއޯ ނެތް ތަން އަދި ޖޯލް މަޓިޕް ނެތް ތަން ވެސް އެޓީމުން ދެއްކި ކަމަށެވެ.

"އެކުޅުންތެރިން ނެތް ކަމުގައިވިޔަސް، އަހަރެމެންގެ ފޯވަޑް ލައިނުން ގޯލްތައް ޖަހާ. މައްސަލައަކީ އެއެއް ނޫން. އަހަރެން ދައްކާނީ ޑިފެންސް ލައިންގެ ވަކި ކުޅުންތެރިއެއްގެ ވާހަކައެއް ނޫން. މުޅި ޓީމުގެ ޑިފެންސާމެދު އަހަރެން ވާހަކަދައްކާނީ. ކުޅުންތެރިޔަކު ގަނެގެން ޑިފެންސް ލައިންގެ މައްސަލަ ހައްލުވާނެ ކަމަށް ވިސްނުމަކީ މޮޔަކަމެއް. އެކަން އެގޮތަށް ނުވާނެ،" އޭނާ ބުންޏެވެ.

ކްލޮޕް ބުނީ، ލިވަޕޫލް ޓީމުގެ ޑިފެންސް ލައިންގައި މައްސަލަތަކެއް އުޅޭކަން ފިނިމޫސުމަށްފަހު އޭނާއަށް ފާހަގަކުރެވުނު ކަމަށާއި ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޓްރެއިނިންގައި އެކަން ރަނގަޅުވިތަން ފެނުނު ކަމަށެވެ. ނަމަވެސް މެޗުގެ ތެރެއިން ރަނގަޅުވިތަން ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސައުތުހެމްޓަނާ ދެކޮޅަށް ލިވަޕޫލް ނުކުންނަން ޖެހޭނެއެވެ. އެމެޗަށް ނުކުންނައިރު، ސައުތުހެމްޓަން ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން ލިވަޕޫލް ވަނީ 1-0 ލަނޑުން ބަލިވެފައެވެ.