އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުގައި ރާއްޖެއާ އެއް ގަރޫޕްއެއްގައި އޮމާނާއި ފަލަސްތީން އަދި ބޫޓާން ހިމެނިއްޖެއެވެ.

އޭސިއަން ކަޕަށް ކޮލިފައިވުމުގެ ގޮތުން ރާއްޖެ ވަނީ މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންއާ އެއްކޮށް ކުރިއަށް ގެންދިޔަ ދެ ވަނަ ބުރުގައި ވާދަކޮށްފައެވެ. ނަމަވެސް ރާއްޖެއިން އެ ބުރު ނިންމާލީ ތިންވަނައިގައި އޮވެއެވެ. އަދި ދެވަނަ ފުރުސަތުގައި ޕްލޭއޮފް ކުޅެ ޔަމަން އަތުން ބަލިވި ނަމަވެސް ފަހު ފުރުސަތުގައި ލާއޯސްއާ ވާދަކޮށް ދެ ލެގުން ވަނީ ކުރި ހޯދައިގެން މިބުރުން ޖާގަ ހޯދައިފައެވެ.

އަބޫ ދާބީގައި މިއަދު ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި 24 ޓީމް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕް އޭގައި ހިމެނުނީ އަވަށްޓެރި އިންޑިއާގެ އިތުރުން ކިރުގިސްތާންއާއި މިޔަންމާ އަދި މަކާއޯއެވެ. ގްރޫޕް ބީގައި ހިމެނުނީ ކޮރެއާއާއި ހޮންކޮންގް އިތުރުން ލެބުނާންއާއި މެލޭޝިއާއެވެ. ގްރޫޕް ސީގައި އަފްގާނިސްތާންއާއެކު ދެން ހިމެނުނީ ޖޯޑަންއާއި ވެއިޓްނާމް އަދި ކެމްބޯޑިއާއެވެ. ގްރޫޕް އީގައި ހިމެނުނީ ބަޚްރެއިންއާއި ތުރުކޮމަނިސްތާންއާއި ޗައިނީސް ތައިޕޭގެ އިތުރުން ސިންގަޕޫރެވެ. ގްރޫޕް އެފްގައި ހިމެނުނީ ނޭޕާލްގެ އިތުރުން ފިލިޕީންސްއާއި ތަޖަކިސްތާން އަދި ޔަމަނެވެ.

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނީ ދެ ލެގް ކުޅުމަށްފަހު ކޮންމެ ގްރޫޕްއަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމެވެ. އެ 12 ޓީމާއެކު މުބާރާތުގައި ދެން ވާދަކުރާނީ ދެވަނަ ބުރުން ކޮލިފައިވެފައިވާ 12 ޓީމެވެ.