އިނގިރޭސި ވިލާތުގެ ދެކުނުގެ ސަރަހައްދުގައި ދުންފިނި ބޯވެ، ތަންތަން ނުފެންނަ ވަރު ވުމުގެ ސަބަބުން، ލަންޑަނުގެ ދެ އެއާޕޯޓުން ގިނަ ފްލައިޓުތަކެއް ކެންސަލްކޮށް، އެސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި އަސަރުތަކެއް ކުރަން ފަށައިފި އެވެ.

ފިނި މޫސުމުގެ އަސަރުތައް އެންމެ ބޮޑަށް ކުރަން ފަށާފައިވާ އިރު، ވިލާތުގެ ގިނަ ގައުމުތަކަށް މިދިޔަ ދުވަސްތަކުގައި ވަނީ ބޯކޮށް ސްނޯ ފައިބައިފަ އެވެ.

ބީބީސީ ރިޕޯޓުކުރާ ގޮތުގައި ލަންޑަންގެ ހީތުރީ އެއާޕޯޓުން 37 ފްލައިޓެއް، ދުންފުންޏާ ގުޅިގެން ކެންސަލް ކޮށްފައިވާ އިރު، ލަންޑަނުގެ ގެޓްވިކް އެއާޕޯޓުން ނުވަ ފްލައިޓެއް ވަނީ ކެންސަލް ކޮށްފަ އެވެ. މި ފްލައިޓުތައް ކެންސަލް ކުރުމާ އެކު ގިނަ ފްލައިޓުތަކެއް ޑިލޭވެ، 100 އަށް ވުރެ ގިނަ ފްލައިޓަށް މިކަމުގެ އަސަރުތައް ކުރާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސި ވިލާތުގެ މީޓިއޮރޮލޮޖިކަލް އޮފީހުން ވަނީ ދުންފިންޏާ ގުޅިގެން ޔެލޯ އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ ފަތިހާއި ހެނދުނުގެ ވަގުތުތަކުގައި ވަރަށް ބޯކޮށް، ދުންފިނި ފެތުރޭނެ ކަމަށެވެ. ލަންޑަނާއި ލަންޑަނުގެ އެއާޕޯޓުތަކުގައި ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ހުރީ އެންމެ 100 މީޓަރުގައެވެ. ލަންޑަނާއި ލަންޑަނު ކައިރީގެ އެއާޕޯޓުތަކުގެ ފަސިންޖަރުން ފުރުމުގެ ކުރިން ފްލައިޓުތަކުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ބެލުމަށް، އެއަޕޯޓުތަކާއި ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.