23 Jan 2017, 16:29
އާސްތާނާ (ޖެނުއަރީ 23): ސީރިއާގެ ސުލްހައިގެ ވާހަކަތައް ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގައި ފަށައިފި އެވެ.
ރަޝިއާ، އީރާން އަދި ތުރުކީން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ވާހަތަކުގައި ބައިވެރި ނުވާނެ އެވެ.
އދ. އިން ސީރިއާއަށް ހަމަޖައްސާފައި ހުންނަ އެންވޯއި ސްޓެފަން ޑި މިސްތޫރާ އާއި އެމެރިކާއިން ކަޒަކިސްތާނަށް ހަމަޖައްސާފައި ހުންނަ ސަފީރު ބައިވެރިވެވެޑައިގަންނަވާ ސުލްހައިގެ ވާހަކަތައް މާދަމާ ނިމޭނެ ކަމަށް ކަޒަކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ސީރިއާ ސަރުކާރުގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނަވާ ބައްޝާރު އަލް ޖާފަރީ ވިދާޅުވި ގޮތުގައި ސުލްހައިގެ ވާހަކަތަކުގައި ސަރުކާރުން އިސްކަން ދޭނީ އެ ގައުމުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުން ދެމެހެއްޓޭނެ ގޮތަަކާ ބެހޭ މަޝްވަރާ ކުރުމަށެވެ.
"އެއީ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސީރިއަސްކަމާއި އެބޭފުޅުންގެ ތެދުވެރިކަން ބަލާ ޓެސްޓެއް،" ޖާފަރީއާ ހަވާލާދީ ކަޒަކިސްތާނުގެ މީޑިއާގައިވެ އެވެ.
ރަޝިއާ އާއި ތުރުކީން މެދުވެރިވެގެން ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން ހަދާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ. ނަމަވެސް އެ އެއްބަސްވުމުގައި އައިއެސް އާއި ޖަބްހަތް ފާތިހް އަލް ޝާމް ގުރޫޕް ނުހިމެނެ އެވެ.
ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް އިސްލާމްގެ ލީޑަރު މުހައްމަދު އަލޫޝް ވިދާޅުވި ގޮތުގައި އެ ޖަމާއަތުން އާސްތާނާއަށް ދަނީ ސަރުކާާރާއި ސަރުކާރާ އެއްބައިވާ ފަރާތްތަކުން ހިންގާ 'ޖަރީމާތަކަށް' ނިމުމެއް ގެނައުމުގެ ގޮތުންނެވެ.
"އާސްތާނާގައި ބާއްވާ ވާހަކަތަކަކީ ސަރުކާރާއި ސަރުކާރާ އެއްބައިވާ ފަރާތްތަކުން ކުރިއަށް ގެންދާ ލޭ އޮހޮރުވުން ނިމުމަކަށް ގެނައުމުގެ މަރުހަލާއެއް. އެ ޖަރީމާތައް ނިމުމަކަށް ގެންނަން އަޅުގަނޑުމެން ބޭނުން،" އަލޫޝް ވިދާޅުވި އެވެ.
ސީރިއާގެ ސިޔާސީ އަދި ހަތިޔާރު އެޅި އިދިކޮޅު ފެކްޝަންތައް ތަމްސީލުކޮށްދޭ މައި ގުރޫޕު، ހައި ނެގޯޝިއޭޝަންސް ކޮމިޓީން ބުނި ގޮތުގައި އަސްތާނާގައި ބާއްވާ ވާހަކަތަކަކީ ޖެނީވާގައި ބާއްވަން ހަމަޖައްސާފައިވާ ދެ ވަނަ ރައުންޑުގެ ސުލްހައިގެ ވާހަކަތަކަށް ތައްޔާރުވުމަށް އަޅާ ފިޔަވަޅެކެވެ.
މީގެ ކުރިން އދ މެދުވެރިވެގެން ބޭއްވި ސީރިއާގެ ސުލްހައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ.
ސީރިއާ ހަނގުރާމައަށް ހަ އަހަރުވެފައިވާ އިރު އެހަނގުރާމައިގައި 300،000 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 11 މިލިއަން މީހުން ގެދޮރުނެތިފައިވެ އެވެ. (ބީބީސީ)