ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ބަލިވުމުން ލީގްގެ ތިން ވަނަ ބުރަށް އެރުމުގެ ފުރުޞަތު ވެލެންސިޔާ އަށް ހަނިވެއްޖެ އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވިޔަންސާއާއި ބައްދަލުކޮށް ވެލެންސިޔާ ބަލިވީ 3-1 ލަނޑުންވެ.
ޖުމްލަ އަށް ޓީމް ވާދަކުރާ މިމުބާރާތުގައި ، މިހާރު ވެސް ރެލިގޭޝަނަށް ވެއްޓިފައިވާ ވިޔެންސާ އާއި ދެކޮޅަށް ވެލެންސިޔާ މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެސް ވިޔެންސާއިންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގެ 13 ވަނަ މިނެއްޓުގައި ވިޔެންސާ އަށް ލީޑް ނަގައިދިނީ ހުސެން ރަޝީދެވެ. އަދި ވިޔެންސާގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ހަސަން ސޮލާހް ކާމިޔާބުކޮށްދިން އިރު، އެޓީމްގެ ތިން ވަނަ ލަނޑު މެޗްގެ 84 ވަނަ މިނެއްޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިން ހުސެން ރަޝީދެވެ.

މިމެޗްގައި ވެލެންސިޔާއިން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 23 ވަނަ މިނެއްޓުގައި އަބްދުއްﷲ އިބްރާހިމް އެވެ. މިރޭގެ މެޗުން ވެލެންސިޔާ ބަލިވި ކަމުގައި ވިޔަސް، މިބުރުގައި އަދި ވެލެންސިޔާއަށް ބާކީ ދެމެޗް އެބައޮތެވެ. އެއީ ނިއު ރޭޑިއަންޓާއި އޭވައިއެލް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މިދެމެޗްގެ ތެރެއިން އެއްމެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރު ވެއްޖެ ކަމަށް ވާނަމަ ވެސް ލީގުގެ ތިން ވަނަ ބުރަށް ވެލެންސިޔާ ދަތުރު ކުރާނެ އެވެ.

މިރޭ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ވިޔެންސާގެ ހަސަން ސޮލާހަށެވެ.

މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ލީގް ތާވަލްގެ އެއްވަނާގައި މިވަގުތު އޮތް ވީބީ ސްޕޯޓްސް ކުލަބާއި 11 ޕޮއިންޓާ އެކު ލީގުގެ ފަހަތުން ދެވަނާގައި އުޅޭ އޭވައިއެލް އެވެ.
މިމުބާރާތުގެ ތިން ވަނަ ބުރަށް ހަ ޓީމް ދަތުރު ކުރާ އިރު، ރެލިގޭޝަން ކުޅެންޖެހޭނީ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމެވެ.