23 Jan 2017, 13:33
ވޮޝިންޓަން (ޖެނުއަރީ 23): ގާނޫނު އަސާސީއާ ހިލާފަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭރުގެ ސަރުކާރުތަކުން ފައިސާ ނަންގަވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އެމެރިކާގެ ގާނޫނީ ޖަމްއިއްޔާއަކުން ބުނެފި އެވެ.
ވަކީލުންނާއި ރިސާޗަރުން ހިމެނޭ ސިޓިޒެންސް ފޯ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންޓަން (ކުރޫ) އިން ބުނި ގޮތުގައި ބޭރުގެ ސަރުކާރުތަކުން ޓްރަމްޕް ފައިސާ ނަންގަވަނީ އޭނާގެ ހޮޓެލްތަކުގައި ބޭރުގެ މެހެމާނުން ބައިތިއްބައިގެންނާއި އޭނާގެ އިމާރާތްތައް ކުއްޔަށް ދީގެންނެވެ.
ނަމަވެސް އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުން ސަރުކާރުގެ އޮފިޝަލުން ބޭރުގެ ސަރުކާރުތަކުން އެއްވެސް ހަދިޔާއެއް ނުވަތަ ފީއެއް ގަބޫލު ކުރުމަކީ މަނާކަމެއް ކަމުން ޓްރަމްޕް އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރޫއިން ބުންޏެވެ.
"ރައީސް ޓްރަމްޕް ވަނީ 'އެމެރިކާ ފުރަތަމަ' އޭނާގެ ސްލޯގަންއަކަށް ހައްދަވާފައި. ވީމާ އެމެރިކާގެ ސަރުކާރުގެ ހުރިހާ އޮފިޝަލުން، ބޭރުގެ ސަރުކާރުތަކަށް ވުރެ އެމެރިކާ ކުރިއަށް ނެރޭނެކަން ޔަގީން ކުރުމަށް ހަދާފައިވާ ގަވާއިދަށް ޓްރަމްޕް އަމަލު ކުރައްވާނެ ކަމަށް އެންމެން ގަބޫލު ކުރާނެ،" ކުރޫއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ވީމާ އެޖަމްއިއްޔާ އިން އުއްމީދުކޮށްގެން ތިބީ ޓްރަމްޕުގެ ވިޔަފާރީގައި ގާނޫނު އަސާސީއާ ހިލާފުވާ ގޮތަށް ކުރާ ކަންތައްތައް އޭނާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބަދަލު ކުރައްވާނެ ކަމަށާއި ނަމަވެސް އެފަދަ ފިޔަވަޅެއް ނޭޅުއްވުމުން ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރަން މަޖުބޫރުވީ ކަމަށް ކުރޫގެ ބަޔާނުގައިވެ އެވެ.
އެބަޔާނާ ގުޅިގެން ޓްރަމްޕުގެ ވަކީލުން ވަނީ، ކުރޫ އިން ފާހަގަ ކުރާ ގަވާއިދު ހަދާފައި ވަނީ ބޭރުގެ ސަރުކާރުތަކުންދޭ ހަދިޔާތައް ގަބޫލު ކުރުމުން ސަރުކާރު އޮފިޝަލުން ހުއްޓުވުމަށް ކަމަށާއި އެގަވާއިދުގައި ހޮޓެލެއްގެ ރޫމަށް ދޭ ފައިސާ ނުހިމެނޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ޓްރަމްޕްގެ ދަރިކަލުން އަދި ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެރިކް ޓްރަމްޕް ވަނީ ބޭރުގެ ސަރުކާރުތަކުން ޓްރަމްޕްގެ ހޮޓެލްތަކަށް ލިބޭ ފައިސާ އެމެރިކާގެ ޓްރެޝަރީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)