23 Jan 2017, 13:05
ބަންގްލަދޭޝްގެ ޗިއްޓަގޮންގްގައި ހުންނަ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ޗިޓަގޮންގް (ޔޫއެސްޓީސީ)ގައި މެޑިސިންގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަދިވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އެދަރިވަރުން ބުނެފި އެވެ.
ބަންގްލަދޭޝްގައި މެޑިސިންގެ ދާއިރާ އިން ކިޔަވާ ކޮންމެ ދަރިވަރަކު ވެސް، އެ ގައުމުގެ މެޑިސިން އެންޑް ޑެންޓަލް ކައުންސިލް (ބީއެމްޑީސީ)ގައި ރެޖިސްޓާ ކުރަންޖެހެ އެވެ.
އާންމު އުސޫލުގެ ގޮތުން، ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީކުރަނީ ޔުނިވާސިޓީގެ ފަރާތުންނެވެ. އެހެން ނަމަވެސް، މި ދެ ބެޗުގެ ދަރިވަރުން، ޔުނިވާސިޓީގެ ފަރާތުން މެޑިކަލް ކައުންސިލުގައި ރެޖިސްޓަރ ކޮށްދީފައި ނުވާ އިރު، އެކަން ދަރިވަރުންނަށް އަންގާފައި ވެސް ނުވެ އެވެ.
މިވަގުތު ދަރިވަރުންނަށް ކުރިމަތިވާ މައްސަލައަކީ، މެޑިކަލް ކައުންސިލުން އެ ދަރިވަރުން ރެޖިސްޓާކޮށްދިނުމަށް ދެކޮޅު ހެދުމެވެ. ސަބަބަކީ، އެ ކައުންސިލުން ބުނާ ގޮތުގައި، ޔުނިވާސިޓީ އިން މާ ގިނަ އަދަދަކަށް ދަރިވަރުން އެންރޯލް ކޮށްފައި ވުމެވެ. އެހެން ނަމަވެސް ޔުނިވާސިޓީގެ އިދާރީ މައްސަލައެއްގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މިފަދަ ބޮޑު ގެއްލުމެއް ލިބެން ނުޖެހޭ ކަމަށާއި މިއީ ދަރިވަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ދަރިވަރުން ބުނެ އެވެ.
ރެޖިސްޓްރޭޝަންގެ މައްސަލަ، ރާއްޖޭގެ 28 ދަރިވަރެއްގެ އިތުރުން އިންޑިއާ އަދި ބޫޓާންގެ ދަރިވަރުން ހިމެނޭ ގޮތަށް، ހާހެއްހާ ދަރިވަރުންނަށް ދިމާވެފައިވެ އެވެ. މި ހުރިހާ ދަރިވަރުން ވެސް މިވަގުތު ދަނީ، ޔުނިވާސިޓީގެ ދިރާސީ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް، ނެވެ.
މި ހަފްތާގައި އެ ދަރިވަރުންގެ އެމްބީބީއެސް އިމްތިހާނު ފަށާ އިރު، މި މައްސަލައަށް އަދި ވެސް ހައްލެ ނުލިބޭތީ، ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތައް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެ ދަރިވަރުން ބުނާ ގޮތުގައި، ބަންގްލަދޭޝްގެ މެޑިކަލް ކައުންސިލްގައި ރެޖިސްޓާނުކޮށް އެމްބީބީއެސް އިމްތިހާނު ހެދުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ، ރެޖިސްޓާ ނުކޮށް އިމްތިހާނު ހެދިޔަސް، ކޯހުން ދަސްވި މައުލޫމާތުގެ ބޭނުން އަމަލީ ގޮތުން ހިފުމުގެ ހުއްދައެއް ބަންގްލަދޭޝާއި، ދުނިޔޭގެ އެއްވެސް ތަނެއްގައި ނޯންނާނެ އެވެ.
އެހެންކަމުން، އެ ދަރިވަރުން ފަސް އަހަރު ވަންދެން ބައިވެރިވި ކޯހުގެ ފައިދާއެއް އެ ދަރިވަރުންނަކަށް ނުލިބޭނެ އެވެ.
މި މައްސަލަ ދިމާވެފައިވާ އިންޑިއާގެ ދަރިވަރުންނަށް ހައްލެއް ހޯދައިދިނުމަށް އިންޑިއާ ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި މިހާރު އެދިފައިވާ އިރު، ދިވެހި ސަރުކާރުގެ ފަރާތުން ވެސް މިދިޔަ ހަފްތާގައި ވަނީ، ދަރިވަރުންނަށް ކުރިމަތިވި މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެހެން ނަމަވެސް މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތާއި އެކުދިންނަށް ހައްލެއް ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައިވޭތޯ ނުވަތަ ނުވޭތޯ، ފޮރިން މިނިސްޓްރީ އިން ސާފުކުރެވޭ ގޮތް އަދި ނުވެ އެވެ.
ބަންގްލަދޭޝްގައި ރާއްޖޭގެ އެމްބަސީއެއް ހުރި ނަމަވެސް، އެތަނުގައި މިވަގުތު އެމްބެސެޑަރެއް ނުހުންނަ ވަ އެވެ. ބަންގްލަދޭޝްގެ އެމްބެސެޑަރުގެ މަގާމު، އޭރުގެ ސަފީރު ޑރ. މުހައްމަދު އާސިމް ފޮރިން މިނިސްޓަރަށް އައްޔަނުކުރެއްވުމާ އެކު ހުސްވި އިރު، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރީ މި މަހުގެ ކުރީކޮޅު އެވެ. ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަނުކުރީ އާއިޝަތު ޝާން ޝާކިރެވެ. ޝާން މިހާރު ވަނީ ބަންގްލަދޭޝަށް ވަޑައިގެންފަ އެވެ.