މިދިޔަ ހޮނިހިރު ދުވަހަކީ މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީގެ ފުޓްބޯޅަ ކެރިޔަރަށް ވަރަށް އުފާވެރި ދުވަހެކެވެ. ސްޓޯކް ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހުވަގުތު ޔުނައިޓެޑަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ލަނޑާއެކު އޭނާ ވަނީ އެކްލަބުގެ ރެކޯޑެއް ވެސް މުގުރާލައިފައެވެ.

ސްޓޯކްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޫނީ ވަނީ ޔުނައިޓެޑްގެ ލެޖެންޑް ސަރ ބޮބީ ޗާލްޓަންގެ ރެކޯޑު މުގުރާލައިފައެވެ. މިހާރު ރޫނީއަކީ ޔުނައިޓެޑްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެ ލަނޑަކީ ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށްދިން 250 ވަނަ ލަނޑެވެ.

ރޫނީގެ އެ އުފަލުގައި މަޝްހޫރު ކުންފުނި 'ނައިކީ' އިންވެސް މިވަނީ ބައިވެރިވެފައެވެ. ނައިކީ އިން ވަނީ ރޫނީއަށް ހާއްސަކޮށް 'ހައިޕާވެނަމް ޑަބްލިޔުއާރް250'ގެ ނަމުގައި ބޫޓެއް ތައާރަފްކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލި ވޭން ރޫނީއަށް ނައިކީ އިން ތައްޔާރުކުރި ބޫޓު: އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 250 ލަނޑު ކާމިޔާބުކޮށްދީފައި ---

ރޫނީއަށް ހާއްސަކޮށް ނައިކީ އިން ތައްޔާރު ކުރި ފުޓްބޯޅަ ބޫޓުގައި ހިމެނެނީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުލަ ކަމަށްވާ ރަތާއި ހުދު ކުލައެވެ. ބޫޓާއެކު ނައިކީ އިން ވަނީ ރޫނީއަށް ހާއްސަކޮށް، ލޯގޯއެއް ވެސް ފަރުމާކޮށްފައެވެ. ބޫޓުން ވެސް ފެންނަ އެ ލޯގޯގެ އެންމެ މަތީގައި ތާޖެއް ހިމެނޭއިރު، އޭގެ ތިރީގައި ނަންބަރު '250' އާއި 'ފޯރ ކްލަބު' ލިޔެފައިވެ އެވެ.

އެ ބޫޓުގެ އެއް އަރިމަތީގައި 'ޑަބްލިޔުއާރް10' އޭ ޖަހާފައިވެއެވެ. ޑަބްލިޔުއާރް ރަމްޒުކޮށްދެނީ އޭނާގެ ނަމެވެ. އަދި ނަންބަރު ދިހައެއް ރަމްޒުކޮށްދެނީ އޭނާގެ ސްކޮޑު ނަންބަރެވެ.

އުމުރުން 31 އަހަރުގެ ރޫނީއަކީ 2004 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑަށް ކުޅެމުންއަންނަ ކުޅުންތެރިއެކެވެ. ރޫނީ ޔުނައިޓެޑާ ގުޅުނީ އޭނާ ޔޫތު ކެރިޔަރު ފެށި އެވަޓަންއަށް ކުޅުމަށްފަހުއެވެ.