23 Jun 2011, 22:32
ގިނަ އަނދަދެއްގެ މަސްތުވާތަކެއްޗާ އެކު މަސްތުވާތަކެތީގެ "ހައި ޕްރޮފައިލް" މީހުން ތެރޭ ހިމެނޭ މީހަކާއި އިތުރު ބަޔަކު ފުލުހުން މިރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދިރިއުޅުއްވާ ހ. ފަށަން ގޭގައި ކުއްޔަށް އުޅޭ ބަޔަކު ހައްޔަރު ކުރީ އެތަކެތި ވިއްކުމަށްޓަކައި އެގޭގައި މަސްތުވާތަކެތި ބަންދުކުރަން މިރޭ ތިއްބައި ކަމަށެވެ.
އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހިމެނޭ ކަމަށް ޖިނާޙު ވިދާޅުވި އެވެ.
"އެކަކަށް ވުރެ ގިނަ މީހުން ހައްޔަރު ކުރީ. މަސްތުވާތަކެތީގެ ވިޔަފާރި އެންމެ މަތީ ލެވެލްގައި މިކަން ކުރަމުންދިޔަ މީހަކު މީގެ ތެރޭ ހިމެނޭ. އެއީ ހައިޕްރޮފައިލް ޓާގެޓެއް،" ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ދުރާލާ ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ވައިގެ މަގުން މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
ޖިނާހު އަދި ވިދާޅުވީ މިރޭ އެމީހުން ފުލުހުން ހައްޔަރު ކުރަން މަސައްކަތް ކުރުމުން ރެޑްވޭވް ސަލީމްގެ ދެ ދަރިން، ނުކުމެ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން އެ ދެ ކުދިން ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ އާއި އެ ދެ ކުދިންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޖިނާހު ވިދާޅުވި އެވެ. ނަމަވެސް އެ ދެ ކުދިން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.
ފުލުހުން ހައްޔަރު ކުރީ ސަލީމުގެ ދެ ދަރިން ކަމަށްވާ، ވިލާ ކޮލެޖުގައި ކިޔަވަމުން އަންނަ އަލީ ނާއިލު،17، އާއި އިބްރާހީމް ނައުފަލު،18 އެވެ.
މަސްތުވާތަކެއްޗާ އެކު އެކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހުން ފުލުހުން މިރޭ އަތުލައިގެންފައިވާ އިރު މިދިޔަ އަންގާރަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެ ކުރި ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި މާލޭގައި ހިންގާ އޮފީހެއްގެ ތެރެއިން އަތުލައިގަނެ، އެ އެއްޗެހި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.