ގާހިރާ (ޖެނުއަރީ 23): ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ހެދުމަށް ޗައިނާއިން ތާއީދު ކުރާ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އަރަބި ލީގުގެ ޑެލިގޭޓުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވަނީ ޗައިނާއިން މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތަށް ތާއީދު ކުރާ ކަމަށާއި ފަލަސްތީނުގެ މައްސަލައަކީ މުހިއްމު ނޫން މައްސަލައެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނަކީ އަމިއްލަ ވެރިކަމެއް އޮންނަ ދައުލަތެއްގެ ގޮތުގައި ގާއިމުކޮށް، އެދައުލަތުގެ ވެރިރަށަކީ ގުދުސަށް ހަދަން ޗައިނާއިން ތާއިދު،" ޝީ ވިދާޅުވި އެވެ.

އަދި އޭޕްރިލް 2014ގައި ނާކާމިޔާބުވި އިސްރާއީލް އާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް އަނެއްކާވެސް ފެށުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ޝީ ގޮވާލެއްވި އެވެ.

މީގެ އިތުރުން ރައީސް ޝީ ވަނީ ފަލަސްތީނުގެ ސޯލާ ޕަވާ ސްޓޭޝަން ޕްރޮޖެކްޓަކަށް ޗައިނާއިން 50 މިލިއަން ޗައިނީސް ޔުއާން (7.6 މިލިއަން ޑޮލަރު) ދޭނެ ކަން އިއުލާން ކުރައްވާފަ އެވެ.

ގުދްސުގެ ހުޅަނގު ބަޔަކީ، 1948ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އިޢްލާން ކުރިއިރު އެދައުލަތުގެ ބައެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުކުރަނީ ގުދްސުގެ ހުޅަނގު ފަޅި އެވެ. އިރުމަތީ ފަޅިއާ މެދު ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުކުރަނީ އެއީ 1967ގެ ހަނގުރާމައިގައި ގަދަބާރުން އިސްރާއީލުން ހިފި ފަލަސްތީނުގެ ބިމެއް ކަމުގަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ގުދުސް އަބަދުވެސް އޮންނާނީ އިސްރާއީލުގެ ވެރިކަމުގެ ދަށުގައި" ކަމަށް 2015 ވަނަ އަހަރު ވިދާޅުވެފައި އެވެ. އަދި އިސްރާއީލުން ދަނީ ގާނޫނުތަކާއި ގަވައިދާ ޚިލާފަށް ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ރައްޔިތުން އާބާދު ކުރަމުންނެވެ. (އާރުޓީ)