ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރި އޮންލައިން ބުކިން ނިޒާމު މެދުވެރިކޮށް މިހާތަނަށް އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ބޭންކުން ގާއިމުކޮށްފައިވާ އޮންލައިން ބުކިން ސިސްޓަމް މެދުވެރިކޮށް، ދަތުރުވެރިންނަށް 15 ދުވަހުގެ ތެރޭގައި، އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.

ކުރިން އެމްއެމްއޭ މެދުވެރިކޮށް ދަތުރުވެރިންނަށް ވިއްކަމުން ދިޔަ ޑޮލަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން ދޫކުރަން ފެއްޓީ މި މަހު 8 ވަނަ ދުވަހުން ފެށިގެންނެވެ.

ބީއެމްއެލް އިން ކުރިން ބުނީ ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ފުރުމުގެ ކުރިން އެއާޕޯޓުން ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ޑޮލަރު ދޫކުރާ ކައުންޓަރުތައް ހުންނަނީ ޑިޕާޗާ ގޭޓް ހަތަރެއްގެ ކައިރީގަ އެވެ.

އާ ނިޒާމަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ބޭންކުން ވަނީ އެ ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނެގި ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިޔަކަށް 100 ޑޮލަރުދީފަ އެވެ.

ބީއެމްއެލް އިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ޑޮލަރު ބޭނުންވާ ދަތުރުވެރިން ތިރީގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

  • ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް (120ގަޑިއިރު) ކުރިން ފެށިގެން ޑޮލަރު ގަތުމަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވޭނެ އެވެ. އަދި ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ އަށް ގަޑިއިރު ކުރިން ބުކިން ހަދާ ނިންމަންވާނެ އެވެ.

  • އެއާޕޯޓުން ޑޮލަރު ދޫކުރާ ގަޑީގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި، ބުކިން ހަދާގަޑީގައިދޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތުކަން ޔަގީން ކުރަންވާނެ އެވެ.
  • ކޮންފާމްކޮށްފައިވާ ބުކިން އަކަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ނަމަ ނުވަތަ މިކަމާ ގުޅޭ އެއްވެސް ސުވާލެއްވާ ނަމަ، ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅުއްވާށެވެ.