މ. މުލަކު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ގާއިމް ކުރި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިހާހުކޮށް ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު އަަމަލީ ގޮތުން ފަށްޓަވައިިފި އެވެ.

މުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފެނުގެ ނިޒާމު ރަސްމީކޮށް ހުޅުވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި ނަރުދަމާގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހީމެވެ.

މުލަކުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރު ޠާރިގު އިފްތިތާހްކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މުލަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. ދައުލަތުގެ ބަޖެޓުންް 37.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި އެ މަޝްރޫއުގެ ދަށުން 20 ޓަނުގެ ދެ ޑިސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވެ އެވެ.

އެ ޕްލާންޓުތަކުން ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލް ކަން ލިބިފައިވާއިރު، އެ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓާފައިވެ އެވެ. އަދި އެ ފެން ގޭގެއާއި އިމާރާތްތަކަށް ފޯރުކޮށް ދިނުމަށް 11 ކިލޯމީޓަރުގެ ފެންވިއުގައެއް ގާއިމްކޮށް 279 ފެން މީޓަރު ގޭބިސީތަކާއި އިމާރާތްތަކުގައި ވަނީ ބަހައްޓާފަ އެވެ.

ފެން އުފެއްދުމުގެ ނިޒާމުގެ އިތުރުން ވާރޭ ފެން ރައްކާކުރާނެ 700 ޓަނުގެ ތާނގީއެއްވެސް ބަހައްޓާފައިވެ އެވެ.

މުލަކު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އަދި އެ މަސައްކަތް ނިންމާލާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މުލަކުގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމު ހިންގުމަށާއި، ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މުލަކުގެ އިތުރުން ދިއްގަރުގެ ފެނުގެ ނިޒާމުވެސް ރަސްމީކޮށް ރައީސް ޔާމީން މިއަދު ވަނީ ހުޅުވައިދެއްވާފަ އެވެ. އޭގެ އިތުރުން ދިއްގަރުގެ ނަރުދަމާގެ އަމަލީ މަސައްކަތްވެސް ރަސްމީ ގޮތުން މިއަދު ވަނީ އިފްތިތާހްކޮށްފަ އެވެ.