23 Jun 2011, 22:13
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު [ރެޑްވޭވް ސަލީމުގެ] ދެ ކުދިން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ސަލީމު ވިދާޅުވީ ވިލާ ކޮލެޖުގައި ކިޔަވަމުން އަންނަ އޭނާގެ އަލީ ނާއިލު،17، އާއި އިބްރާހީމް ނައުފަލު،18، ހައްޔަރުކުރީ މިރޭ ގާތްގަނޑަކަށް 10:00 ޖަހާއެހާކަންހާއިރު އޭނާ ދިރިއުޅޭގެ ހ. ފަށަން އަށް ދިޔަ ފުލުހުން ޓީމެއް ގޮސް ކަމަށެވެ.
ސަލީމް ވިދާޅުވީ، އޭނާ ތިރިއަށް ފޭބިއިރު ދެ ކުދިން ޖިޕަށް އަރުވައިފި ކަމަށާއި އެ ކުދިން ހައްޔަރުކޮށް ޖިޕަށް އެރުވީ "ކޮއްޕައި ގަޅުވައިފައި އަދި ވަރަށް އަނިޔާވެރިކޮށް" ކަމަށް މަންޒަރު ދުށް މީހުން ބުނި ކަމަށެވެ. ސަލީމް ވިދާޅުވީ، އެ ކުދިން ހައްޔަރުކުރީ "އަމުރަށް ނުކިޔަމަންތެރިވުމުން" ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް، ނުކިޔަމަންތެރިވީ ކޮން އަމުރަކަށްތޯ ސުވާލުކުރުމުން ފުލުހުންނަށް އެއްވެސް ޖަވާބެއް ނުދެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުން މިގެއަށް އައި ވަގުތާ އެކުދިން ގެއިން ނުކުތް ވަގުތާ ދިމާވީ. މީހުން ބުނަނީ އެކުދިން ހަމަ ނުކުތް ތަނާހެން ބިޑި އަޅުވައިގެން ކޮއްޕަމުން ތަޅަމުން ވޭނަށް ގޮސް އެއްލައިލީއޭ. އޭރު އެކުދިންގެ ކްލާސްމޭޓުން ވެސް ތިބި. އެކަމަކު އެއިން ކުއްޖަކު ހައްޔަރެއް ނުކުރޭ. އަޅުގަނޑުގެ ދަރިން މި ހައްޔަރުކުރީ،" ސަލީމް ވިދާޅުވި އެވެ.
އެކުދިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ވެސް ބުނީ ސަލީމުގެ ދެ ކުދިން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި، ފުލުހުންނާއި ފަހުން ތަކުރާރުކޮށް ސުވާލުކުރުމުން އެމީހުން އެގެއަށް ދިޔައީ އެތަނުގައި ކުއްޔަށް ހިފައިގެން އުޅުނު ބަޔަކު ހައްޔަރުކުރަން ކަމަށް ބުނި ކަމަށެވެ. ނަމަވެސް، އެބަޔަކާ އޭނާގެ ކުދިންނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ފަހުން މައުލޫމާތު ސާފުކުރީމަ ބުނަނީ މިތާ އެބަ އުޅެއޭ ހޯދަން ބޭނުންވާ މީހެއް. ދެން އެމީހުންކޮންމެ ކަމެއް ވިޔަސް ހޯދަން ބޭނުންވާ މީހެއް ހޯދައިފި. ދޮރު ވައްޓާފައި ފުލުހުން ވަނީ. އެމީހުން މިތާ ކުއްޔަށް ހިފައިގެން އުޅޭތާ ފަސް އަހަރުވެއްޖެ،" ސަލީމް ވިދާޅުވި އެވެ.
ފުލުހުން އެގެއިން މިރޭ ހައްޔަރުކުރީ މަސްތުވާތަކެތީގެ "ބޮޑެއް" ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ސަލީމުގެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް މިގެންދިޔައީ ސަލީމުގެ ލޭބާ ޕާޓީއާ އާއި ވެރިކަން ކުރާ އެމްޑީޕީއާ އެކު ހަދާފައި އޮތް ކޯލިޝަން އެގްރީމަންޓް ރޫޅާލިކަން ސަލީމުގެ ޕާޓީން އިއުލާން ކުރިތާ މަދު ގަޑި އިރުތަކެއްގެ ތެރޭގަ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އޭނާގެ ދެ ދަރިން ހައްޔަރުކުރީ އޭނާ އަށް "ޖެއްސުމަށް" ކަމަށެވެ.
"އަސްލު ސަބަބަކީ މިއަދު އެމްޑީޕީއާއެ އެކު އޮތް ކޯލިޝަން ކަނޑާލައި ބަޔާން ނެރުނީމަ އަޅުގަނޑަށް ޖެއްސުމަށް ކުރި ކަމެއް މިކަމަކީ،" ސަލީމް ވިދާޅުވި އެވެ.