ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޖީއެމްއާރުން ދިން ކަމަށް ބުނާ ޓިކެޓްގެ މައްސަލަ ސާބިތުކުރެވޭނެ އެއްވެސް ހެއްކެތް ގަރީނާ އެއް ލިބިފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނުމާ ގުޅިގެން އެމައްސަލަ ހުށަހެޅި ފަރާތްތުންނާއި ޖީއެމްއާރުން ރިޝްވަތު ނެންގެވި ކަމަށް އަޑުފެތުރި ފަރާތްތަކުން މައާފަށް އެދެން ޖެހޭނެ ކަމަށް ތަސްމީން ވިދާޅުވެއްޖެ އެވެ.

އޭސީސީގެ ރިޕޯޓް ނެރުމާ ގުޅިގެން އެޕާޓީ އޮފީހުގައި ޝާހިދާއި ތަސްމީން އެކީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްމީން ވިދާޅުވީ، އެދެބޭފުޅުންގެ ބޮލުގައި އެޅުވި ރިޝްވަތުގެ ތުހުމަތުގެ ސަބަބުން އަބުރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ މައްސަލަ ސާބިތު ކުރެވިފައިނުވާތީ އެ މައްސަލަ ހުށަހެޅި ފަރާތުންނާއި އެ އަޑު ފެތުރި ފަރާތްތަކުން "ދިވެހި ރައްޔިތުންގެ ޕާޓީގެ ލޮބުވެތި މެމްބަރުންގެ އަރިހުން މައާފަށް އެދެންޖެހޭނެ" ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި އެދެބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ތަސްމީނާއި ޝާހިދު ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ، އެކަމަކީ ސިޔާސީ ކަމެއް ކަމަށާއި ޕާޓީން ތެރޭން ވަކި ބަޔަކު ބޭނުންވި ގޮތަށް ޕާޓީގެ ގައުމީ މަޖިލީހުން ނަތީޖާ ނުނެރުވުމުން ޕާޓީގެ ލީޑަރޝިޕް ބަލިކަށިކޮށް ޕާޓީ ބައިބައިކޮށްލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

"ޑީއާރުޕީގެ މިދިޔަ ގައުމީ ޖަލްސާގައި އަޅުގަނޑުމެން ތެރެއިން ބަޔަކު އެދުނު ގޮތަށް ނަތީޖާ ނުނިކުތީމާ. ޑީއާރުޕީ އަށް ކޮންމެ ގެއްލުމެއް ލިބުނަސް ވަރިހަމަ ކަމަށް. ޑީއާރުޕީގެ ލީޑަޝިޕްގެ އަގު ވައްޓާލާ. ބަލިކަށިކޮށްލާ. އަންނަން އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދުމަށް ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކުރި ކަމެއް،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ބައިބައިވެފައިވާ ޕާޓީ ތެރޭ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ކުރިން ވެސް އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ވިދާޅުވެފައިވާނެ ކަމަށާއި އަދި އޭސީސީގެ ރިޕޯޓުން އެކަން މިހާރު އިތުރަށް ހާމަ ވެގެން ގޮސްފައިވާ ކަމަށެވެ.

ތަސްމީނާއި ޝާހިދު ޖީއެމްއާރުން ނެންގެވި ކަމަށް ބުނާ ޓިކެޓްގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު ނެރުނު ހުލާސާ ރިޕޯޓުގައި ބުނަނީ، އެ ބުނާ ޓިކެޓުތަކަކީ ޖީއެމްއާރުން ދިން ޓިކެޓުތައް ކަން އެނގެން ނެތުމުންނާއި ޝާހިދާއި ތަސްމީން ޖީއެމްއާރުގެ އިސްބޭފުޅަކާ ބައްދަލުކުރެއްވުމަށް ކޮލޮމްބޯ އިން ދިއްލީ އަށް ދަތުރުކުރެއްވިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައިނުވާތީ މައްސަލަ މިހާ ހިސާބުން ނިންމާލާފައިވާ ކަމަށެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވަކިކޮށްފައިވާ އުމަރު ނަސީރެވެ. ނަމަވެސް ޑިސެމްބަރު 13، 2010 ގައި އުމަރު އެ މައްސަލަ ހުށަހެޅުއްވިއިރުވެސް ކޮމިޝަނުން ވަނީ އެ ޓިކެޓުތަކުގެ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ.